logologologologo
STO
ޚަބަރު

އާރަށު މައްސަލައިގައި ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

އާރަށު މައްސަލައިގައި ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 01

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ހުށަހެޅި މި އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެވެ.

ދައުލަތުން އާ ހެކި ހުށަހެޅީ ޝަރީއަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ކަންތައްތަކާ ގުޅޭ ގޮތުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ ހެކިތައް އޭރު ކްރިމިނަލް ކޯޓުން ބަލައިގަތެވެ. ނަމަވެސް، މައްސަލާގެ އިސްތިއުނާފުގައި ހައި ކޯޓުން ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުން ފަހުން ހުށަހެޅި ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ޖިނާއީ މައްސަލަތަކުގައި ވަސީލަތްތަކާއި ބާރުވެރިކަމާ އެކު ދައުލަތުން ދައުވާ ކުރަނީ އަމިއްލަ ފަރުދުންނާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމުގެ ޒިންމާ ވެސް އޮންނަނީ ދައުލަތުގެ މައްޗަށް ކަމަށެވެ. 

ދައުލަތުން މައްސަލަތަކުގައި ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތަކުން ފަރުވާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ޝަރީއަތް ހިންގުމުގެ ހަމަހަމަކަމާ ވެސް ދުރު ކަމެއް ކަން ހުކުމްގައި ފާހަގަކޮށްފަ އެވެ. އަދި އާ ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުގައި ފާހަގަ ނުކުރާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ނުކުތާތަކާ މެދު ގޮތް ކަނޑައަޅަން ޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތް ކަމަކަށް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ފަނޑިޔާރު އައިޝާ ސުޖޫން އިއްވެވި ހުކުމްގައި ބުންޏެވެ. 

ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ އެ މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފައެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

އޭގެއިތުރުން ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަ ހައި ކޯޓުގައި ވެސް އެބައޮތެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް