logologologologo
STO
ޚަބަރު

ސޯލިހުގެ ވެރިކަމަށް ވުރެ ރައީސް މުޢިއްޒުގެ ވެރިކަން މާ ހިތްފަސޭހަ : ޔާމީން

ސޯލިހުގެ ވެރިކަމަށް ވުރެ ރައީސް މުޢިއްޒުގެ ވެރިކަން މާ ހިތްފަސޭހަ : ޔާމީން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 05

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ވުރެ، މިހާރު އޮތް ޕީއެންސީގެ ވެރިކަން މާ ހިތްފަސޭހަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފް އިން ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެން ނުޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް ގެނައުމަކީ ކުރެއްވި "ކުށެއް ނޫން" ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެއީ އަޅުގަނޑުމެން ކުރި ކުށެއްނޫން މިއީ ދެއްތޯ، އަޅުގަނޑުމެންނަށް އޮތީ މިއަށްވުރެ ނުބައި ޝައިޠާނެއް، ބޮޑު ޝައިޠާނެއް އިނގޭތޯ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި އެއްވެސް ދިވެއްސަކަށް ވީ ފައިދާއެއް ނެތް ކަމަށާއި، އެމްޑީޕީގެ ވެރިކަން އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުން، މިހާރުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް، އެމްޑީޕީގެ ވެރިކަމަށް ވުރެ މި ވެރިކަން އަދިވެސް ހިތްފަސޭހަ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން ދިޔައީ ވަރަށް ގޯސްކޮށް ކަމަށް ފާހަގަކުރައްވަމުން، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވި ނަމަވެސް، ކުރީގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހާލަތު ރަނގަޅު ކަމަށް ޔާމީން ވިދާޅުވިއެވެ. މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ހުންނެވި ޔާމީނަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުނީ ޖަލު ހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުމުންނެވެ. އެއާއެކު ރިޔާސީ ޓިކެޓް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދޫކޮށްލެއްވުމަށްފަހު، ވެރިކަން ބަދަލުވުމާއެކު ޔާމީން ވަނީ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.

އާ ޕާޓީ އުފެއްދެވި ފަހުން ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ސިލްސިލާ ޖަލްސާތައް ބާއްވަމުންނެވެ. އަދި މި ފަހަކަށް އައިސް ސަރުކާރަށް ޕްރެޝަރު ބޮޑުކުރުމުގެ ގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ މަޝްވަރާކުރައްވައި، ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ކުރުމަށްވެސް ޔާމީން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޔާމީން، ސަރުކާރަށް ފާޑު ވިދާޅުވިނަމަވެސް ރައީސް މުޢިއްޒު އެއްވެސް ވަރަކަށް ޔާމީންއަށް ފާޑު ވިދާޅުވެ ބަދުބަސް ވިދާޅުވެ ނޫޅެއެވެ. އަދި އަބަދުވެސް ޔާމީނަށް އޮންނާނީ އިހުތިރާމު ކަމަށް ރައީސް މުޢިއްޒު ވަނީ މީގެ ކުރި ވިދާޅުވެފަ އެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް