logologologologo
STO
ޚަބަރު

ދޮންބަންޑާރައިން ނިސްބަތްވާ ރަށް ހުރާގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ދޮންބަންޑާރައިން ނިސްބަތްވާ ރަށް ހުރާގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 12

ދޮންބަންޑާރައިން ނިސްބަތްވާ ރަށް ހުރާގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

ފަންނާ ސަޤާފަތާ ތަރިކައާބެހޭ ވުޒާރާ އާއި ހުރާ ކަސުންސިލް ގުޅިގެން، މިއަހަރުގެ ހުރަވީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި ރަސްމީ ޖަލްސާ އޮތީ ހުރާ ރަންކަނޑޫ މާލަމުގައި މިއަދު ހެނދުނުއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ހުރަވީ ދުވަސްފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމަށް އިލްތިމާސް ކުރައްވައިފައެވެ. ވަޒީރު ވަނީ ހުރަވީ ދުވަހުގެ ހަނދާންތައް އާކޮށް އެދުވަހުގެ ބަޠަލް ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެއްވި މަސައްކަތަށާއި ދުވަހުގެ ތާރީޚަށް އަލިއަޅުވާލައްވާފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން، ހުރާ ކައުންސިލްގެ ނައިބު ރައީސް ޔުޝްރިއްޔާ ރަޝީދު ވިދާޅުވީ، ހުރަވީ ދުވަހަކީ އެ ރަށުގެ ފަސްގަނޑާ ގުޅިފައިވާ ދުވަހެއްކަމަށެވެ. އެހެންކަމުން އެރަށުގައި ހުރި ދޮންބަންޑާރައިންނާ ގުޅިފައިވާ އަދި އެހެނިހެން އާސާރުތައް ރައްކާތެތިކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހުރާ އަށް ދޮންބަންޑާރައިން ނިސްބަތްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. އެކަމުން އަޅުގަނޑުމެން އިބުރަތް ޙާސިލްކުރަންޖެހޭ." ހުރާ ކައުންސިލް ނައިބު ރައީސް ވިދާޅުވިއެވެ.

ޖަލްސާގެ ޝަރަފުވެރި މެހެމާން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދަށް ހުރާ ކައުންސިލުން ވަނީ މިޖަލްސާގައި ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިޖަލްސާގައި ހުރަވީ ދުވަހާ ގުޅިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ ވަނަތައް ޙާސިލްކުރި ފަރާތްތަކަށް ތައްޓާއި، ފައިސާގެ ރަމްޒީ އިނާމް ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ.

މިމުބާރާތުގެ 1 ވަނަ ހާސިލްކުރީ މަލާކް އާދަމް ނަޒީލްއެވެ. 2 ވަނަ މަރިޔަމް އަޒްހާ ޝުޖާއު ހާސިލްކުރިއިރު 3 ވަނަ ޙާސިލްކުރީ އައިމިނަތު ނަދުހާ ޝުޖާއުއެވެ.

ހުރަވީ ދުވަސް ފާހަގަކުރުމަށް ހުރާގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ގަސް އިންދުމާއި، ސްކޫލްކުދިންނަށް ޚާއްސަކޮށްގެން ދުވަހުގެ މަޢުލޫމާތު ހިމެނޭ ޑޮކިއުމެންޓްރީ އެެއް ދެއްކުމުގެ އިތުރުން، އިސް ރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ.

ހުރަވީ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. އެ ދުވަސް ފާހަގަކުރަނީ، މަލަބާރީންގެ އަތުން މި ރާއްޖެ މިނިވަންކުރެއްވި ދުވަހާއި ގުޅިގެންނެވެ. މި ދުވަސް ފާހަގަ ކުރަންފެށީ 1980ގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް