ޒަމާނީ ބަދަލުތަކާއިއެކު މެޓް އޮފީހުގެ ވެބްސައިޓާއި މޫސުން އެޕް އިފްތިތާޙްކޮށްފި

ޒަމާނީ ބަދަލުތަކާއިއެކު މެޓް އޮފީހުގެ ވެބްސައިޓާއި މޫސުން އެޕް އިފްތިތާޙްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީ ގުޅިގެން، ޒަމާނީ ބަދަލުތަކާއެކު އަލުން ފަރުމާކުރި މެޓް އޮފީހުގެ ރަސްމީ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ މަޢުލޫމާތާއި ދުރާލައި އިންޒާރުދޭ ނިޒާމުގެ ޚިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ތައްޔާރު ޕްރޮޖެކްޓް"ގެ ދަށުން ތަރައްޤީކުރެވުނު މި ސުމޭކު މަންސަތައް (ޑިޖިޓަލް ޕްލެޓްފޯމް) ފަރުމާ ކުރެވިފައިވަނީ، މޫސުމީ ސްޓޭޝަންތަކުން ލިބޭ މަޢުލޫމާތާއި ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކުގެ އިތުރުން ސެޓެލައިޓް ފޮޓޯތައް އެއްކޮށްލައިގެން، ސީދާ ވަކިވަކި ސަރަޙައްދުތަކަށް ޚާއްޞަކޮށްގެން މޫސުން ލަފާކުރާ ގޮތް ފޯރުކޮށްދެވޭ ގޮތަށެވެ.
އާންމު ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އަދި އެކި ޙަފުލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ މި މަންސަތައް (ވެބްސައިޓް/މޯބައިލް އެޕް) މެދުވެރިކޮށް، ވަގުތުން ވަގުތަށް މޫސުމީ ޙާލަތު ދެނެގަތުމާއި ދިޔަވަރު ތާވަލުތަކާއި ކަނޑުގެ ޙާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ޢަލީ ޝަރީފެވެ.
މި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އިބްރާހީމް މިމްރާހު ވަނީ މި ނިޒާމުގެ ފަންނީ އޮނިގަނޑާއި މޫސުމީ މަޢުލޫމާތު ދައުރުވާ ގޮތުގެ ތަފުޞީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވަނީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"ތައްޔާރު ޕްރޮޖެކްޓް" އަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރު (ތައްޔާރުކަން) އިތުރުކުރުމަށްޓަކައި މޫސުމާ ބެހޭ އޮފީހާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ޔޫއެންޑީޕީ އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި، ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު (ޖީޑީއެފް) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިންގޭ މަޝްރޫޢެކެވެ.
މެޓް އޮފީހުގެ އައު ވެބްސައިޓް މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެއެވެ. އަދި އަލުން ފަރުމާކުރެވިފައިވާ "މޫސުން" އެޕްލިކޭޝަން، އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.
އިތުރަށް





.gif.gif&w=828&q=100)