logologologologo
Ihthiraamu Adhaa Kurmuge Gaumee Mashroou
ޚަބަރު

ދުންފުހުގެ ސަބަބުން މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ

ދުންފުހުގެ ސަބަބުން މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 02

ދުންފުހުގެ ސަބަބުން މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ވައިގެ ސާފުމިން ބަލާ މިންގަނޑުތަކުން ދައްކާ ގޮތުގައި، ވެރިރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ވައިގެ ތެރޭގައި ޕީއެމް 2.5 ހުރިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ އަހަރީ ގައިޑްލައިން އަށްވުރެ އިތުރު މިންވަރެކެވެ. އަދި މިއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ މިންވަރެކެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު މިވަގުތު ވައިގެ ހާލަތު އެންމެ ރަނގަޅީ އައްޑޫ ސިޓީގައެވެ. ދެކުނުގެ އެހެން ހިސާބުތަކެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވައިގެ ތެރޭގައި ދުންފުހުގެ އަސަރު ހުރީ، ނިސްބަތުން ދަށް މިންވަރެއްގައެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ ރަށްތަކަށް ދަނީ، ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.

މިވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ނުސާފުމިން (އެއަރ ކޮލެޓީ އިންޑެކްސް) ހުރި މިންވަރަށް ބަލާއިރު މާލެ ސަރަހައްދު- 119، ށ.ފުނަދޫ - 94، ދ.ކުޑަހުވަދޫ - 88، ލ.ފޮނަދޫ - 77، ފުވައްމަލަކު ސިޓީ - 60، އައްޑޫ ސިޓީ - 56 ގައިކަން ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންނަށް ކުރު އަދި ދިގު މުއްދަތަކަށް ޞިއްޙީ ގޮތުން އަސަރުތައް ކުރެއެވެ. އޭގެތެރޭގައި ސިކުނޑިއާއި، ނާރުގެ ބަލިތަކާއި، ވިސްނުމުގެ ބާރު ދެރަވާ ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާއެކު، މާބަނޑު ދުވަސްވަރު ނުރައްކާތެރި ޞިއްޙީ މައްސަލަތައް ދިމާވެއެވެ. އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސް އެޅުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.

 

View post on Twitter

 

އެޗްޕީއޭއިން ވަނީ، މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް