logologologologo
STO
ޚަބަރު

މާލޭ ރައްޔިތުންނަށް ގޯތި ދިން ގިރާވަރު ފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި

މާލޭ ރައްޔިތުންނަށް ގޯތި ދިން ގިރާވަރު ފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 05

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ އެއީ މުޅި މަޝްރޫއުގެ 68.8 އިންސައްތަ މަސައްކަތް ކަމަށެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ އެ ފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން ކުރިއަށްގެންދަނީ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.

 

View post on Twitter

 

ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އެ ފަޅުން 5000 އަށްވުރެ ގިނަ ގޯތި ދޫކުރި ނަމަވެސް ހިއްކާފައި ވަނީ އެންމެ 70 ހެކްޓަރުގެ ބިމެވެ. މި ސަރުކާރުގައި އެމްއޭސީއެލްއިން އެ މަސައްކަތް ފެށީ މި އަހަރުގެ ފެބުރުއަރީ މަހުއެވެ. އެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީއެމްސީސީއާއެވެ.

ބޮސްކާލިސް ކުންފުންޏާ ގުޅިގެން މި މަސައްކަތުގައި ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެން މި މަސައްކަތް ކުރަމުން އަންނައިރު، އެމްއޭސީއެލުން ފާހަގަކުރި ގޮތުގައި ގިރާވަރުފަޅުގެ ބައެއް ސަރަހައްދުތަކަކީ ވަރަށް ފުން ސަރަހައްދުތަކަކަށް ވާތީ ބިން ހިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް މުޅި މަޝްރޫއުގެ މަސައްކަތްތައް ދަނީ ވަރަށް ބާރު ދުވެލީގައި ކުރިއަށެވެ.

މި މަޝްރޫޢަކީ ނިމިދިޔަ ސަރުކާރުގެ ދައުރުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވައުދުވެ ފެށި މަޝްރޫއެކެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ގޯތި ދޫކުރީ ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއް ނެތި ކަނޑުގައި ރޮނގު އަޅައިގެންނެވެ. މިއީ އެ މަޝްރޫއުން ގޯތި ލިބުނު ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމަކަށް އޮތް ކަމެކެވެ. މި ސަރުކާރުން މި މަޝްރޫއު އަލުން ކުރިއަށްގެންދަނީ އިތުރުކުރި 113 ހެކްޓަރާއެކުގައެވެ.

އެމްޑީޕީ ސަރުކާރުން ވަނީ ގިރާވަރުފަޅުން 5،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދިނުމަށް ނިންމައި ލިބޭ ފަރާތްތައް ކަނޑައަޅައިފައެވެ. ނަމަވެސް އެ ގޯތިތަކަށް ބޭނުންވާ ވަރަށް އެ ފަޅުގައި ބިން ނެތުމުގެ ސަބަބުން ވަކި އަދަދެއްގެ ގޯތި ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވާލި އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރުފަޅުން ދޫކުރަން ހަމަޖެހިފައިވަނީ 4،072 ގޯއްޗެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ގޯތިތައް އޭގެ ޙައްޤުވެރިންނާ ހަވާލުކުރުމެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް