ކުޑަކުދިން ކުޅޭ ސަރަހައްދަކާއެކު ދަތުރުވެރިންނަށް ވީއައިއޭގައި އައު ޖާގައެއް

ކުޑަކުދިން ކުޅޭ ސަރަހައްދަކާއެކު ދަތުރުވެރިންނަށް ވީއައިއޭގައި އައު ޖާގައެއް ކަނޑައަޅައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކުރެވޭނެ އަދި ޚިދުމަތްތައް ފޯރުކޮށްދޭ އާ ޖާގައެއް ބޭނުންކުރަން ފަށައިފިއެވެ.
ޓާމިނަލްގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި މި ސަރަހައްދު ބޭނުންކުރަން ފަށާފައި ވަނީ މި ޖުލައި މަހުގެ 25 ވަނަދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
އެ ކުންފުނިން ބުނީ ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް އިތުރުވެފައިވާކަމަށާ އަދި މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށްކަމަށެވެ.
މި ސަރަހައްދުގައި ކުޑަކުދިންނަށް ޚާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެއެވެ.
މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.
މި ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަ ކައުންޓަރެއްވެސް ގާއިމުކޮށްފައެވެ. މިކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ޚިދުމަތް ލިބޭނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.
މިއީ ޓާމިނަލް 1 ގެ ޚިދުމަތްތައް ތަރައްޤީކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އަދި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށް އެ ކުންފުނިން ބުންޏެވެ.
އިތުރަށް




.gif.gif&w=828&q=100)