logologologologo
STO
ޚަބަރު

އިތުބާރު އޮތްކަމަށް ފާސްވުމުން ދޭހަވީ ރައީސްގެ ސިޔާސަތުތަކަށް އޮތް އިތުބާރު: ސަޢީދު

އިތުބާރު އޮތްކަމަށް ފާސްވުމުން ދޭހަވީ ރައީސްގެ ސިޔާސަތުތަކަށް އޮތް އިތުބާރު: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 04

އިތުބާރު އޮތްކަމަށް ފާސްވުމުން ދޭހަވީ ރައީސްގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި މިއަދު މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ސައީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަކަމަށް 54 މެންބަރުން ވޯޓު ދެއްވިއިރު، އެ މައްސަލައަށް ތާއީދުކޮށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

މި ވޯޓަށްފަހު ސަޢީދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނާ ދޭތެރޭ ފުރިހަމަ އިތުބާރު އޮތްކަމަށް މިއަދު މަޖިލީހުން ނިންމެވުން އަންގައިދެނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގެ އިތުރަށް، ދުރުވިސްނޭ ޙިކްމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ކަމަށެވެ.

ސަބަބެއް ކަމުގައި ސަޢީދު ވިދާޅުވީ އެމަނިކުފާނު ކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޙަވާލު ކުރައްވާ މަސައްކަތްކަމަށް ވާތީ ކަމަށެވެ.

"އެމަނިކުފާނު ވަނީ ރާއްޖެ ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރައްވާފައި. ރާއްޖޭގެ އިޤްތިޞާދުގެ ރޭޓިން މަތިކުރައްވާ، މާލީ އިތުބާރު އިޔާދަކޮށްދެއްވާފައި. އަދި ވާރުތަވި އިޤްތިޞާދީ އެތައް މައްސަލައަކަށް ޙައްލު ހޯއްދަވާފައި. އަދި މި ޤައުމުގެ އިޤްތިޞާދު ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤްތިޞާދާއި އެއްސަފަށް ގެންދެވޭނެ ތަޞައްވަރުތައް އެކުލަވާލައްވައި، ޢަމަލީސިފަ ގެނަސްދެއްވަން ފައްޓަވާފައި." ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުވެސް ގުޅިލާމެހެނީ ދުނިޔޭގެ އޮއިވަރާކަން އެއީ ދެބަސްނުވެވޭނެ ޙަޤީޤަތް ނަމަވެސް ކާމިޔާބާއި ނާކާމިޔާބުގެ ތަފާތަކީ މައްސަލައެއް އުފަންވުމުން، ނުވަތަ އޮތް މައްސަލައެއް ޙައްލުކުރުމަށް އެކި ސަރުކާރުތަކުން ޢަމަލުކުރާގޮތް ކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ހުޅުވާލެވިފައިވާ، ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި ނިމިދިޔަ ސަރުކާރުތަކާ ޚިލާފަށް މިސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީ ވުމުގައި ލާމަސީލު މިސާލު ދައްކަމުންދާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

"އެއީ ރައީސް މުޢިއްޒު އެމަނިކުފާނުގެ ވަޒީރުންނަށްވެސް އަބަދުމެ އިރުޝާދު ދެއްވާކަމެއް. ރައްޔިތުންނާއި ދިވެހި ޤައުމު އިސްކޮށް މާތްވެގެންވާ އިސްލާމް ދީނާއި ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރޭގައި ކަންކަން ކުރުން. މި ސަރުކާރުގެ ކާމިޔާބަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޤިޔާދަތާއި ލީޑަރޝިޕްގައި ބަދަހި ޓީމެއްގެ ގޮތުގައި މިކުރާ ހިންމަތްތެރި މަސައްކަތް. ٱلْحَمْدُ لِله." ވަޒީރު ސަޢީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި މިއަދު މަޖިލީހަށް ޖަވާބުދާރީވާން ދެއްވި 60 މިނިޓުގެ ތެރޭގައި ވަޒީރު ސަޢީދު ވަނީ ވަރަށް ތަފްސީލުކޮށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވެވަޑައިގެން ކަންކަން ސާފުކޮށް ވިދާޅުވެދެއްވައިފައެވެ.

ސަޢީދު ވިދާޅުވީ މި މައުޟޫގައި އެމްޑީޕީން ކޮށްފައިވާ ސުވާލުތަކުގައި އެމަނިކުފާނުގެ މެންޑޭޓާއި ސީދާ ނުގުޅޭ އެތައް ސުވާލެއް ހުރި ނަމަވެސް، އެ ހުރިހާ ސުވާލަކަށްވެސް ޙަޤީޤަތް ހާމަކޮށް ތެދުވެރިކަމާއެކު ޖަވާބުދާރީ ވެވަޑައިގެންފައި ވާނޭ ކަމަށެވެ.

ސަޢީދުގެ މެސެޖުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި، ޕީޖީލީޑަރ އިބްރާހީމް ފަލާޙުގެ އިތުރުން، ޕީއެންސީގެ މެމްބަރުން ބެހެއްޓެވި ގާތްކަމާއި އެކުވެރިކަމާއި ކުރެއްވި އިތުބާރަށް ޝުކުރެެއް އަދާ ކުރައްވައިފައެވެ.



MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް