logologologologo
STO
ޚަބަރު

ކުރީ ސަރުކާރަށްވުރެ %80 އިތުރަށް މި ސަރުކާރުން ޑޮލަރު ދޫކޮށްފި: މިނިސްޓަރު ސައީދު

ކުރީ ސަރުކާރަށްވުރެ %80 އިތުރަށް މި ސަރުކާރުން ޑޮލަރު ދޫކޮށްފި: މިނިސްޓަރު ސައީދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 04

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރަށްވުރެ 80 އިންސައްތަ އިތުރަށް، ޖުމްލަ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދޫކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި، ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެކަމާ ގުޅުވައި ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން އޭނާ ވަނީ ޑޮލަރު ދޫކޮށްފައިވާ މިންވަރުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ.

އެގޮތުން، ކުރީ ސަރުކާރުގެ 2021 އިން ނޮވެމްބަރު 17، 2023 އަށް ރަސްމީ ރޭޓުގައި ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 1.94 ބިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް ދޫކުރި ޓީޓީއާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭސްފަރުވާއަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު ހިމެނެއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޑޮލަރު ދޫކުރެވުނު މިންވަރު އިތުރުވެފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރެއް މާރުކުރަން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް ސަރުކާރުން އެޅުމުގެ ސަބަބުންނެވެ. އަދި ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުން ސައީދަށް އެއްގަޑިއިރުގެ ފުރުސަތެއް ދެއްވާފައިވާއިރު، މައްސަލައިގެ ބަހުސްގައި ވެރިކަން ކުރާ ޕީއެންސީއަށް 38 މިނެޓު އަދި މައްސަލަ ހުށަހެޅި އެމްޑީޕީއަށް 9 މިނެޓުގެ ވަގުތެއް ވަނީ ދީފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް