logologologologo
STO
ޚަބަރު

ކުރީ ސަރުކާރުން ސިއްޙީ މަޝްރޫޢުތަކަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުކުރި: ވަޒީރު ޤީލާ

ކުރީ ސަރުކާރުން ސިއްޙީ މަޝްރޫޢުތަކަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުކުރި: ވަޒީރު ޤީލާ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 10

ނިމިދިޔަ ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކުރި ހޭދައިގެ ތެރެއިން 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ސިއްޙީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފަށައި، ކޮންޓްރެކްޓަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މުރާޖަޢާއެއް ކުރިއަށްގެންދެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެއްގޮތަކަށްވެސް މަސައްކަތް ނުފެށި ހުރި 16 މަޝްރޫޢެއްގެ ކޮންޓްރެކްޓް މިހާރު ވަނީ ބާތިލުކޮށްފައެވެ. މި މަޝްރޫޢުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސިއްޙީ ޚިދުމަތާ ގުޅޭ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިއަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ އެކި ފަރާތްތަކާ ހަވާލުކުރެވިގެން. ނަމަވެސް އަޅުގަނޑުމެން މިހާރު ދަނީ ޤާނޫނީގޮތުން އެ ފައިސާ އަނބުރާ ހޯދުމަށާއި، ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން،" ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދަނީ އެކަމަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހުމުން ކަމަށެވެ. އެގޮތުން، ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި ލެބޯޓްރީތައް ޤާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރުވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާންނާނެހެން ވަސީލަތްތަކާއި އިންސާނީ ރެސްޕޯންސް ހަމަޖައްސައި، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް