ޞިއްޙީ ދާއިރާއަށް 5,000 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފި؛ އަތޮޅުތެރޭގައި ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފުޅާކުރަނީ

ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް 5,055 މުވައްޒަފުން މުޅިން އަލަށް އިތުރުކޮށްފައިވާ ކަމަށް ސިއްހަތާއި، އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ވަޒީރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވާ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، އިތުރުކުރެވުނު މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ޚާއްޞަކުރެވުނީ އަތޮޅުތަކުގެ ސިއްހީ ޚިދުމަތްތައް ވަރުގަދަކުރުމަށް ކަމަށެވެ۔ އެގޮތުން އަތޮޅުތެރެއަށް 3,024 މުވައްޒަފުން ހަމަޖައްސާފައިވާއިރު، މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި ސެންޓަރުތަކަށް 2,031 މުވައްޒަފުން ވަނީ އިތުރުކުރެވިފައެވެ۔ މީގެއިތުރުން، މިއަހަރުގެ ތެރޭގައިވެސް މުޅިން އަލަށް 1,035 މުވައްޒަފުން ސިއްހީ ދާއިރާގެ ތަފާތު މަގާމުތަކަށް ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އަތޮޅުތަކުގައި ތެރަޕީގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، މިހާރު 83 ތެރަޕިސްޓުން ހަރަކާތްތެރިވަމުންދާއިރު، އިތުރު 18 ތެރަޕިސްޓުން ޚިދުމަތަށް ނެރުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ۔ މީގެ ތެރޭގައި ފިޒިއޮތެރަޕިސްޓުންނާއި، ސްޕީޗް ތެރަޕިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި ސައިކޯ ތެރަޕިސްޓުން ހިމެނެއެވެ۔ މީގެއިތުރުން، ހުރިހާ ހޮސްޕިޓަލްތަކުގެ އިތުރުން 14 ސިއްހީ މަރުކަޒެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި، 18 ސިއްހީ މަރުކަޒެއްގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ދާއިމީކޮށް ގާއިމުކުރެވިފައިވާއިރު، މާބަނޑު މީހުންނަށް ބޭނުންވާ ޑައިގްނޯސްޓިކް ސްކޭންގެ ޚިދުމަތްވެސް ވަނީ ފުޅާކުރެވިފައެވެ.
ވަޒީރު ޤީލާ ޢަލީ ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ނުވަތަ އެންމެ ކައިރީގައިވާ ސަރަޙައްދަކުން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމެވެ۔ މިއީ ބޭސްފަރުވާއަށްޓަކައި ރައްޔިތުންނާއި ދައުލަތުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަކޮށް، ސިއްހީ ދާއިރާއަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
އިތުރަށް




.gif.gif&w=828&q=100)