logologologologo
STO
ޚަބަރު

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 10

ސިއްހީ ހިދުމަތް ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި އެމްއާރްއައި އަދި ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި ސީޓީ ސްކޭނާއި އެމްއާރްއައި ފަދަ ހިދުމަތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރުވަނީ މިހާރު އެ ހިދުމަތް ލިބެމުންދާ މަރުކަޒުތަކާއި އަލަށް އެ ހިދުމަތްތައް ތައާރަފުކުރުމަށް ނިންމާފައިވާ މަރުކަޒުތަކާ ގުޅޭ ތަފުސީލުތައް ވިދާޅުވެދެއްވާފައެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު އެމްއާރްއައިގެ ހިދުމަތް މާލެއިން ބޭރުން ލިބެނީ ތިން ހޮސްޕިޓަލަކުންނެވެ. އެއީ:

  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • އުނގުރޫފާރު ރީޖަނަލް ހޮސްޕިޓަލް
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

އެތަންތަނުގެ ތެރެއިން އުނގޫފާރުގައި އެ ހިދުމަތް ގާއިމުކޮށް ހިދުމަތް ދޭން ފެށީ މި ސަރުކާރުގައި 2024 ވަނަ އަހަރުގެ ޑިސެެންބަރު މަހުއެވެ. 

ވަޒީރު ވިދާޅުވީ އަތޮޅު ތެރެއިން އެމްއާރްއައިގެ ހިދުމަތް މިހާރު ލިބެމުންދާ ތިން ހޮސްޕިޓަލުގެ އިތުރަށް އަލަށް އިތުރު ތިން ރަށެއްގެ ހޮސްޕިޓާތަކުން އެމްއާރްއޭގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ނިންމައި، އެ ހިދުމަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. 

"ރާއްޖޭގެ ތިން ރަށެއްގައ އަލަށް އެމްއާރްއައިގެ ހިދުމަތް އެއީ ގދ.ތިނަދޫ، ލ.ގަން އަދި ފުވައްމަލަކުގައި ހިދުމަތް ގާއިމުކުރުމަށްވަނީ ނިންމާފައި. އަަދި އެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްގެންދެވޭ ވާހަކަ ދަންނަވައިލަން،" ވަޒީރު ވިދާޅުވިއެވެ. 

މާލޭ ސަރަހައްދުން ބޭރުން ސީޓީ ސްކޭނުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ފުވައްމުލަކު ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ. ސަރުކާރުން އަންނަނީ މި އަހަރުގެ ނިޔަލަށް އިތުރު ހަތް ރަށަކުން މި ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. 

ވަޒީރު ގީލާ ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ސީޓީ ސްކޭނުގެ ހިދުމަތް ގާއިމުކުރުމަށް ހަމަޖެހިފައިވާ ހަތް ރަށަކީ:

  • ހއ.ދިއްދޫ
  • ބ.އޭދަފުށި
  • ދ.ކުޑަހުވަދޫ
  • ޅ.ނައިފަރު
  • ފ.ނިލަންދޫ
  • އދ.މަހިބަދޫ
  • ލ.ފޮނަދޫ

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް