ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ ސަލާންޖަހަން ނުޖެހޭ އިޤުތިޞާދެއް އޮވެގެން: ރައީސުލްޖުމްހޫރިއްޔާ

ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤްތިޞާދަކަށް ފުރާނައެޅުވިފައި އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ، އަދި އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅުވިފައި އޮވެގެން ކަމަށާއި އިޤްތިޞާދީ މިނިވަންކަން ލިބިގެން ކަމަށެވެ.
"އެހެން ކަމުން، މިއަދު، ދިވެހިރާއްޖޭގެ ފަޚްރުވެރި ނަޞްރުގެ ދުވަހު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންކަމާ ބެހޭ މި ފަދަ ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމާ މެދު ފިކުރު ހިންގާ އިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ނުކުތާތަކާ މެދު ފުންކޮށް
ވިސްނަން ޖެހޭ." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ފުދުންތެރި ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުން ކަމަށެވެ.
"ސަބަބަކީ ކޮބައިތޯ؟ އާދެ! ޤައުމެއް ކަމަށް ވިޔަސް، ޖަމާޢަތެއްކަމަށް ވިޔަސް، ޢާއިލާއެއް ކަމަށް ވިޔަސް، އަދި އެކަނި ހުންނަ ވަކި ފަރުދެއްކަމަށް ވިޔަސް، އޭނާއަށް މިނިވަންކަމާއެކު އޭނާގެ ބަސްބުނެ، އެހެން މީހުންގެ ނުފޫޒުން ސަލާމަތްވެ، ހިތްހަމަޖެހުމާއެކު އޭނާގެ ވުޖޫދު ސާބިތުކޮށް ދެވެނީ އޭނާގެ އަތުގައި ފުދުންތެރިކަން އޮވެގެން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުދުންތެރިކަން ނެތްނަމަ އޭނާ އަބަދުވެސް ހުންނަން ޖެހޭނީ ދަރަނިދޭ ފަރާތުގެ ކިޔަމަނުގައި އެ ދަރަނިދޭ ފަރާތުން އަންގާ އެންގުމާއި ރުހޭ ނުރުހޭ ގޮތެއްގެ މަޖުބޫރީގައި ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ޤައުމަކަށްވުމަކުން ވެސް މި ޙަޤީޤަތް ބަދަލު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު އަޅުގަނޑުމެން ދިވެހީން މި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު މިނިވަންކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)