logologologologo
STO
ޚަބަރު

މި ރިޔާސީ ދައުރަކީ އަސްކަރިއްޔާ ތަރައްޤީކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރި ދައުރު: ޙިލްމީ

މި ރިޔާސީ ދައުރަކީ އަސްކަރިއްޔާ ތަރައްޤީކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރި ދައުރު: ޙިލްމީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 03

މި ރިޔާސީ ދައުރަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް މިހާތަނަށް އެންމެ ގިނަ މަސައްކަތާއި އެންމެ ބޮޑު ހޭދައެއް ކުރި ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި "ސިފައިންގެ ހެވިކަން" ޙަރަކާތުގައި ވާހަކަ ދައްކަވަމުން ޙިލްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޔޫއޭވީތައް ހޯއްދަވައި އެއަރކޯ އުފައްދަވާފައިވާ ކަމަށާއި އައްޑޫ ގަމުގައި އެމްއެންޑީއެފްގެ އެއަރ ސްޓޭޝަނެއް ގާއިމުކޮށް، ށ. ފޮނަދޫގައި އެއަރސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ޙިލްމީ ވިދާޅުވިއެވެ.

ޙިލްމީ ވިދާޅުވީ ކޯސްޓްގާޑުގެ ފްލީޓް ބޮޑުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ނޭވީ މަނަވަރަކާއި އޮސްޓްރޭލިއާގެ މަނަވަރެއް ހޯއްދަވައިދެއްވާފައިވާ ކަމަށާއި އެމަނިކުފާނު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން 5 ބޯޓު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހޭ އުޅަނދުފަހަރާއި މީހުން ސަލާމަތްކުރުމުގެ ނިޒާމު ހަރުދަނާކޮށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްދެއްވާފައިވާކަމަށްވެސް ހިލްމީ ވިދާޅުވިއެވެ. ފަޔަރ އެންޑް ރެސްކިޔު ސަރވިސް ތަރައްގީކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމުކޮށްދެއްވައި ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފައްޓަވާފައިވާކަަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އަތޮޅުތަކުގައި ފަޔަރ ސްޓޭޝަން ގާއިމުކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ރައީސްގެ ތަސައްވުރުކަން ފާހަގަކުރެއްވިއެވެ.

"މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމުގައި މިދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެވެސް އިހުސާސް. " މޭޖަރ ޖެނެރަލް ޙިލްމީ ވިދާޅުވިއެވެ.

ޙިލްމީގެ ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދިފާޢީ އަދި އަސްކަރީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް ކަން ފާހަގަކުރައްވާ، މިކަން ހާސިލް ކުރުމުގައި ދިވެހި އަސްކަރިއްޔާ ކޮންމެހެން ބޭނުންވެފައިވާ ޤާބިލުކަން ހޯއްދަވައިދެއްވައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކޮށްދެއްވާ ދިވެހި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއްވެސް ތަރައްގީކޮށްދެއްވާތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ.

އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެ ތެރެއިން ސިފައިންގެ ސަރވިސް ކޯގެ ޤާބިލުކަން އިތުރުކޮށްދެއްވައި ތަމްރީން އިންފްރާސްތްރަކްޗަރ އިތުރުކުރުމަށް ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރ، ބ. ކިހާދޫގައި ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުތައް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޙިލްމީ ވިދާޅުވިއެވެ. އަދި ގިރިފުށިގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވައި ބިމުގެ ސައިޒް 3 ގުނަ ބޮޑުކޮށްދެއްވާފައިވާކަންވެސް ޙިލްމީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެން ސިފައިންގެ މީހުންގެ އަދަދު އެމަނިކުފާނު އިތުރު ކޮށްދެއްވާފައިވާ ކަމަށާއި މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާފައިވާކަން ވެސް ޙިލްމީ ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ ސިފައިން ދިރިއުޅޭ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާއިރު ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށޭނެކަން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޛެނެރަލް އިބުރާހީމް ޙިލްމީ ފާހަގަ ކުރެއްވިއެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް