logologologologo
STO
ޚަބަރު

ޤައުމުތައް މިނިވަންކަމާއެކު ކުރިއަރައިދާ މަންޒަރު ބަލަން ނުތިބެ، އަމިއްލަ ޤައުމާ މެދު ވިސްނާ: ރައީސް

ޤައުމުތައް މިނިވަންކަމާއެކު ކުރިއަރައިދާ މަންޒަރު ބަލަން ނުތިބެ، އަމިއްލަ ޤައުމާ މެދު ވިސްނާ: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 04

ދުނިޔޭގައި އެހެން ވެސް ޤައުމުތައް މިނިވަންކަމާއެކު ކުރިއަރައިދާ މަންޒަރު ހަމަ އެކަނި ބަލަން ނުތިބެ، އަޅުގަނޑުމެން އަޅުގަނޑުމެންނާ މެދު ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބާގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުތައް މިނިވަންކަމާއެކު ކުރިއަރައިދާ މަންޒަރު ހަމަ އެކަނި ބަލަން ނުތިބެ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމާ މެދު ވިސްނުމަށް އެދިވަޑައިގެންފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ޤައުމު ގެ ފިކުރު ކުރިޔަށް ނެރެންޖެހޭ ކަމަށެވެ. ޤައުމިއްޔަތާއި މިނިވަންކަމާ ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރު ވާނޭ ގޮތަށް ޤައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާ ފަދަ އިންޤިލާބީ ބަދަލުތަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުން އެދޭ ރާއްޖޭގެ އެތެރޭގެ ތަރައްޤީއަށް ދައުލަތުގައި ފުދުންތެރިކަން ޤާއިމުވުމާއެކު ބޭރު ދުނިޔެއާ މުޢާމަލާތްކުރުމުގައި ދިވެހި ދައުލަތުގެ އިޤްތިޞާދީ މައިކަށި ހަރުދަނާވުން. އިޤްތިޞާދީ މިނިވަންކަން ލިބުން. ފަރުދީ ތަރައްޤީ އާއި ޤައުމީ ތަރައްޤީގެ މައިދާނުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް މި ފަޚުރުވެރި ދިވެހިރާއްޖެ ހަލުއިކަމާއެކު ފިރާލުން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ މާނަވީ ތަރައްޤީއާއި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދީގެން މިގޮތުން ގެނެވޭ ތަރައްޤީ ގެ ނަތީޖާއަކީ، ތަހުޒީބު ރާއްޖެއަކަށް މި ފަޚުރުވެރި ދިވެހީންގެ ރާއްޖެ ވެގެން ދިޔުން ކަމަށާއި މި ތަޞައްޥުރަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ތަޞައްވުރެއް އަދި ދިވެހި ކޮންމެ ފަރުދެއްގެ ޙައްޤެއް ކަމަށެވެ.

ޤައުމު ކުރިއަރައި ދިޔުމަކީ ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމާތް އުފުލިގެންދާނެކަމެއް ކަމަށާއި އެއީ ޤައުމަށް ހެޔޮ އެދޭ ކޮންމެ ދިވެއްސެއްގެ އުންމީދާއި ހިތުގެ ދުޢާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ތާރީޚީ މައިދާނުގައި ހުރެ، އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަމިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަންކަން. އޭގެ ބަދަލުގައި އަޅުގަނޑު އަޅާ ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ދިވެހި ޤައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކާކަން. އެ މާތް މަޤުޞަދުގާކަން. އެ ގޮތުން ދިވެހި  ރައްޔިތުންނަށް މާ ތަރައްޤީ އާ ޙަޔާތެއް ހޯދާދިނުމުގެ މަތިވެރި އުފަލާއި ޔަޤީންކަމާއެކުކަން. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަޞްރުގެ ދުވަހުދިވެހީން ހޯދި ކާމިޔާބީއަކީ މިނިވަންކަމަށް ޓަކާ ހޯދި ކާމިޔާބީއެއް ކަމަށާއި އެއީ ދިވެހީންގެ ދެމި ތިބުމަށް ޓަކާ އަދި އެއީ ދިވެހީންގެ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ އުންމީދުގައި ހޯދި ކާމިޔާބީއެއް ކަމަށެވެ. އެހެންކަމުން އެ ހާދިސާއަށް ގާތްގަނޑަކަށް ސާޅީސް އަހަރު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ. ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކޮށް، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދީ، ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް