މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" ރައީސް އިފްތިތާޙުކޮށްދެއްވައިފި

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ބާއްވާ މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯ އިފްތިތާޙުކޮށްދެއްވުމުގެ އިތުރުން، ސިއްހީ ދާއިރާގެ 156 މަސައްކަތަކާ ގުޅޭ ޚާއްޞަ ފޮތެއްވެސް ރައީސް ވަނީ ނެރެދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން ޖަމިއްޔާ ކުޅުދުއްފުއްޓާއެކު 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ސިއްހީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކުރުވުމާއި، ގައުމީ ސިއްހީ އިންޝުއަރެންސް ސްކީމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ވުޒާރާއާ ގުޅޭ ޝަކުވާތައް ބަލައިގަތުމެވެ.
މުޅި އާއިލާއަށް އަމާޒުކޮށްގެން ރާވާފައިވާ މި އެކްސްޕޯގައި ކުޑަކުދިންނަށް ޚާއްޞަ ހެލްތު ޗެކަޕްތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތާއި، ބިދޭސީންނަށް ޚާއްޞަ ހެލްތު ސްކްރީނިންގތައް ކުރިއަށްދާނެއެވެ. މީގެއިތުރުން، މިއުޒިކް ޝޯތަކާއި، ބިރުވެރި ހޮހޮޅަ އަދި ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އާއިލާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އިތުރަށް





.gif.gif&w=828&q=100)