logologologologo
STO
ޚަބަރު

ފަތިސް ނަމާދު ބޮޑު ޖަމާޢަތުން ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފަށައިފި

ފަތިސް ނަމާދު ބޮޑު ޖަމާޢަތުން ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 03

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ކުރިއަށްގެންދާ ޚާއްޞަ އިޙުތިފާލުތައް، މިއަދު އިސްލާމީ މަރުކަޒުގައި އެއް ޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުން ފަށައިފިއެވެ. 

އިސްލާމީ މަރުކަޒުގައި ކުރެވުނު މި ނަމާދުގެ ޖަމާޢަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. 

މީގެއިތުރުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން އަދި އާންމު ރައްޔިތުން މި ޖަމާޢަތުގައި ބައިވެރިވިއެވެ. 

ފަތިސް ނަމާދަށްފަހު، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނުގައި ޝަހީދުވި ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. 

މީގެއިތުރުން ދިވެހިރާއްޖޭގެ ފަޚުރުވެރި 38ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި، ގާޑު މައުންޓްކުރުމުގެ ރަސްމިއްޔާތު ވެސް މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ.  ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

 

View post on Twitter

 

3 ނޮވެންބަރަކީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ އެންމެ ހިތާމަވެރި އަދި އެންމެ ފަޚުރުވެރި އެއް ދުވަހެވެ. 1988 ނޮވެންބަރު 3 ގައި ދިވެހިންގެ ތެރެއިން ޚިޔާނާތްތެރިވި ބަޔަކު އަޑީގައި ތިބެ، ބޭރުގެ ކުލީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތަކާ އެކު މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހިފަސްގަނޑާއި އިސްލާމްދީން ޙިމާޔަތްކުރުމަށް ސިފައިންނާއި އާންމު ރައްޔިތުން ވަނީ ޤުރުބާންވެފައެވެ.

މި ޢުދުވާނުގައި 19 ދިވެހިން (8 ސިފައިންނާއި 11 އާންމުން) ޝަހީދުވިއެވެ. މި ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މާތް ﷲ ގެ ޙަޟްރަތުން ދިވެހި އުއްމަތަށް ލިބުނު މަތިވެރި ނަޞްރާއި، ޤައުމީ އަބްޠާލުންވީ މަތިވެރި ޤުރުބާނީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް