logologologologo
STO
ޚަބަރު

ބަންގާޅު ކަނޑުގައި އިތުރު ތޫފާނެއް އުފެދި އިންޑިއާއާ ދިމާއަށް ދަތުރު ކުރަނީ

ބަންގާޅު ކަނޑުގައި އިތުރު ތޫފާނެއް އުފެދި އިންޑިއާއާ ދިމާއަށް ދަތުރު ކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 01

ބަންގާޅު ކަނޑުގައި އިތުރު ތޫފާނެއް އުފެދި އިންޑިއާއާ ދިމާއަށް ދަތުރު ކުރަމުން އަންނަ ކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

"މުރާސު" ގެ ނަމުން ނަންދީފައިވާ މި ތޫފާން އިންޑިއާގެ އަންދުރަ ޕްރަދޭޝްއަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނީ ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު) ގެ ހުޅަނގު ދެކުނު ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު "މުރާސު" ބާރުގަދަ ތޫފާނަކަށް ބަދަލުވެ، އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ އައްސޭރިފަށަށް އެރުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

އައިއެމްޑީން ހާމަކޮށްފައިވާ ގޮތުގައި، މި ތޫފާން ދަނީ ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު-ހުޅަނގު އުތުރަށް ދަތުރުކުރަމުންނެވެ.

މިހާރު މި ތޫފާން ހުރީ ޓެމިލްނާޑޫގެ ޗެންނާއީގެ އިރު-ދެކުނުން ގާތްގަނޑަކަށް 420 ކިލޯމީޓަރު ދުރުގައެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި މި ތޫފާން އިތުރަށް ވަރުގަދަވެ، ބާރުގަދަ ތޫފާނަކަށް ބަދަލުވާނެއެވެ. އަދި ނޮވެމްބަރު 2 ގެ ދެންދަމުން ފެށިގެން ނޮވެމްބަރު 3 ގެ ފަތިހުގެ ވަގުތެއްގެ ތެރޭގައި މި ތޫފާން އަންދުރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތައް ކަމަށްވާ ނެލޯރް އާއި ނަރްސާޕޫރްއާ ދެމެދުން އޮންގޯލް ކައިރިއަށް އަރާނެ ކަމަށް ބެލެވެއެވެ.

މި ތޫފާން އެއްގަމަށް އަރާ ވަގުތު ވައިގެ ބާރުމިން ގަޑިއަކު 100 އާއި 110 ކިލޯމީޓަރަށް ހުންނާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 120 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، އައްސޭރިފަށުގެ ސަރަހައްދުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަންގާޅު ކަނޑުގައި އުފެދި، އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ބޮޑެތި ގެއްލުންތަކެއް ދިން ވަރަށް ބާރުގަދަ ތޫފާނެއް ކަމަށްވާ އަރުނަބް އިންޑިއާއަށް އެރީ ނިމުނު ހަފްތާގެތެރޭގައެވެ. މި ތޫފާން އެއްގަމަށް އެރިއިރު މައިގަނޑު ގޮތެއްގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 125 އާއި 135 ކިލޯމީޓަރާ ދެމެދުގައެވެ.

ތޫފާން އަރުނަބްގެ ސަބަބުން އަންދުރަ ޕްރަދޭޝް އަދި އޮޑިޝާ ސްޓޭޓަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގިއެވެ. އަދި މި ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 13 އަށްވުރެ ގިނަ މީހުން މަރުވެ، ބައެއް މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް