ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު) ގެ އިރުމައްޗާއި މެދުތެރޭގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެއްޖެއެވެ.
ނަމަވެސް މި ތޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް އޭގެ ނުސީދާ އަސަރުކުރާނެ ކަމަށެވެ.
އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ތޫފާން "އަރުނަބް" ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ، "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" (ވަރަށް ބާރުގަދަ ތޫފާނެއް) ގެ ގޮތުގައި އަންނަ ބުދަ ދުވަހުގެ (28 އޮކްޓޯބަރު 2026) ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ އައްސޭރިފަށަށް އަރާނެއެވެ.
ތޫފާން އަރުނަބް ސީދާ ދަތުރުކުރަމުންދަނީ އިންޑިއާގެ އަންދުރަ ޕްރަދޭޝް އަދި އޮޑިޝާގެ އައްސޭރިފަށާ ދިމާލަށެވެ. ތޫފާން އެއްގަމަށް އަރާއިރު ގަޑިއަކު 115 އާއި 125 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ބައެއް ފަހަރު 140 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިތޫފާނާ ގުޅިގެން އިންޑިއާއިން ވަނީ އެ ސަރަހައްދުތަކަށް މިހާރު ރެޑް އެލާޓް ނެރެ، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، އިންޑިއާގެ ދެކުނުން ޓެމިލް ނާޑޫ އާއި ކެރެލާއަށްވެސް މިހާރު ދަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންނެވެ.
މި ތޫފާނަކީ 2026 ވަނަ އަހަރު ބޭ އޮފް ބެންގާލްގައި އުފެދުނު ފުރަތަމަ ބާރުގަދަ ތޫފާނެވެ. "އަރުނަބް" މި ނަމަކީ ބަންގްލަދޭޝްއިން ހުށަހަޅާފައިވާ ނަމެއް ކަމަށްވާއިރު، މީގެ މާނައަކީ ބެންގާލީ ބަހުން "ކަނޑު" ނުވަތަ "މާސިންގާ ކަނޑު" އެވެ.

.gif.gif&w=828&q=100)
