އިންޑިއާއާއި ނޭޕާލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 19 މީހުން މަރުވެއްޖެ

އަވައްޓެރި އިންޑިއާއަށާއި ނޭޕާލަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ކޯރުތައް ފުރި ފެންބޮޑުވުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަދުވެގެން 19 މީހުން މަރުވެ، 10 މީހަކު ގެއްލިއްޖެއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ހާމަކުރި ގޮތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓުން 15 މީހުން މަރުވެ، ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން 117 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ސްޓޭޓުގެ 63 ޑިސްޓްރިކްޓަކަށް ބޯކޮށް ވާރޭވެހި ތޫފާނީ އަސަރުކޮށްފައިވާއިރު، ހޮނިހިރު ދުވަހާ ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓަށް ވެހުނު ވާރޭގެ މިންވަރު އާންމުކޮށް ވެހޭ މިންވަރަށްވުރެ 19 ގުނަ އިތުރުކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ނޭޕާލްގެ ބަގްލުންގް ޑިސްޓްރިކްޓްގެ ނިޝީ ކޯލާ އަވަށުގައި ނިދާފައި ތިއްބައި، ބިންގަނޑު ކަނޑައިގެން ގޮސް ގެއެއްގެ މައްޗަށް ވެއްޓިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. މީގެއިތުރުން، އުތުރުގެ މަނަންގް ޑިސްޓްރިކްޓްގައި އޮންނަ 7,126 މީޓަރު އުސް ހިމްލުންގް ހިމާލްގެ ބޭސް ކޭމްޕްގައި ސިނާރިއޯ ތައްޔާރުކުރަން ތިބި ނޭޕާލްގެ 10 މަސައްކަތްތެރިއަކު ތިބިތާކަށް ބޯ ސްނޯގަނޑެއް(އެވެލާންޗް) ވެއްޓި ވަނީ ގެއްލިފައެވެ. މި ހާދިސާ ހިނގި ވަގުތު ބޭރުގެ ފަތުރުވެރިން އެ ސަރަހައްދުގައި ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭޕާލްގެ 77 ޑިސްޓްރިކްޓްގެ ތެރެއިން 49 ޑިސްޓްރިކްޓަކަށް ކުއްލިއަކަށް ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ. އަދި ބޮޑެތި ކޯރުތަކުގެ ފެންގަނޑު އުފުލެމުންދާތީ، އެގައުމުގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު ސަރަހައްދަކަށް ނުރައްކާ ބޮޑުކަމަށް ވަނީ އަންގާފައެވެ. ނޭޕާލްގެ ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނެޖްމަންޓް އޮތޯރިޓީން ބުނީ، މިދިޔަ މަހު 1,450 އަށްވުރެ ގިނަ މީހުން މަރުވި ނުރައްކާތެރި ފެންބޮޑުވުމުގެ އަސަރުކުރި ރަސޫވާ އަދި ނުވާކޯޓް ސަރަހައްދުތަކުން ސަމާލުވެ ތިބުމަށް އަންގާފައިވާ ކަމަށެވެ.
މި ފެންބޮޑުވުމުގެ ސަބަބުން ރާހުގަންގާ ކޯރު ބޮޑުވެ، 40 މެގަވޯޓުގެ ހައިޑްރޯޕަވަރު ޕްރޮޖެކްޓެއްގެ އުމްރާނީ ވަސީލަތްތަކަށާއި ޓްރާންސްމިޝަން ޓަވަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އޮޕްޓިކަލް ފައިބަރުތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ނޭޕާލްގެ ބައެއް ސަރަހައްދުތަކުން މުވާސަލާތީ ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.
އިންޑިއާގެ ސެންޓްރަލް ވޯޓާ ކޮމިޝަނުން ހާމަކުރި ގޮތުގައި، ހަތް ސްޓޭޓެއްގައި ހުރި 30 ކޯރު މޮނިޓަރުކުރާ ސްޓޭޝަނެއްގެ ފެންގަނޑު ވަނީ ނުރައްކާތެރި މިންވަރަށް އުފުލިފައެވެ. އެގޮތުން ގަންގާ، ގަންޑަކް، ކޯސީ، ބަގްމަތީ އަދި ނަރުމަދާ ފަދަ ބޮޑެތި ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކަލުގެ އިންޒާރުގެ މިންގަނޑަށްވުރެ މައްޗަށް ގޮސްފައެވެ.
އިތުރަށް





.gif.gif&w=828&q=100)