ނޭޕާލަށް އެއް މިލިއަން ރުފިޔާ ހަދިޔާކުރުމަށް ރައީސް ނިންމަވައިފި

ނޭޕާލަށް އެއް މިލިއަން ރުފިޔާ ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި އެހީ އަކީ، 2026 އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ، އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް ހަދިޔާ ކުރައްވާ އެހީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިއެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވައި، މި އުނދަގޫ ދަނޑިވަޅުގައި، ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ހާމަކުރައްވާފައެވެ.
ދެކުނު އޭޝިއާގެ ދެ ޤައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ދެ ޤައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނަނީ، މި ގުޅުން އިތުރަށް ބަދަހިކުރުމާއި، ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތީގައެވެ.
ޗައިނާ، ނޭޕާލް ބޯޑަރު ސަރަހައްދުގައި އޮގަސްޓް 26 ގައި ހިނގި މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1280 އަށް އަރައިފައެވެ. ގެއްލުނު މީހުންގެ 5600 އަށް އަރާއިރު، މީގެތެރޭގައި 550 މީހުންނަކީ އެކި ޤައުމުތަކުން އެ ސަރަހައްދަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންނެވެ.
އިތުރަށް





.gif.gif&w=828&q=100)