logologologologo
STO
ދުނިޔެ

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1,000 އިން މައްޗަށް!

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1,000 އިން މައްޗަށް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 02

ނޭޕާލްގެ ހިމާލަޔާ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަންޑައިގެން ދިއުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1,000 އިން މައްޗަށް އަރައިފިއެވެ. ކާރިސާއަށް ހަފްތާއެއް ވާންގާތްވެފައިވާއިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި ރެސްކިއު ޓީމްތަކުން ދަނީ ބަރު އުޅަނދުފަހަރާއި ހެލިކޮޕްޓަރު އަދި އެކްސްކަވޭޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަމުންނެވެ.

މި ކާރިސާ ހިނގަން މެދުވެރިވީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގެ ގްލޭޝާއެއް ވެއްޓި، އައިސްއާއި ގާ އަދި ޗަކަފަސްގަނޑު ބޮޑު ސަރަހައްދަކަށް ފެތުރިގެން ދިއުމާ ގުޅިގެންނެވެ. އަންގާރަ ދުވަހުގެ ނިޔަލަށް މަރުވި މީހުންގެ އަދަދު 1,050 އަށް އަރާފައިވާއިރު، ބޭރު ގައުމުތަކުގެ 583 މީހުން ހިމެނޭހެން ގާތްގަނޑަކަށް 4,000 މީހުން އަދިވެސް ވަނީ ގެއްލިފައެވެ. ކާރިސާގެ ސަބަބުން 2.2 މިލިއަން ޓަނުގެ ކުނިބުނި އުފެދިފައިވާ ކަމަށް އދ. ގެ ކްލައިމެޓް އެޖެންސީއިން ލަފާކުރެއެވެ.

ސަލާމަތްކުރުމުގެ މަސައްކަތްތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ކާރިސާގެ އަސަރުކުރި ހައިޑްރޯޕަވަރ ސްޓޭޝަންތަކަށެވެ. އެގޮތުން، ޓަނަލްތަކުގެ އެތެރޭގައި ތާށިވެފައިވާ 300 އަށްވުރެ ގިނަ މަސައްކަތްތެރިން ސަލާމަތްކުރުމަށްޓަކައި ޗައިނާ، އިންޑިއާ އަދި ނޭޕާލްގެ ޚާއްޞަ ރެސްކިއު ޓީމުތަކުން ދަނީ ވަގުތީ ފާލަންތައް އަޅައިގެން މަސައްކަތް ކުރަމުންނެވެ. ނޭޕާލްގެ ޑިޒާސްޓާ މެނޭޖްމަންޓުން މަޢުލޫމާތު ދޭ ގޮތުގައި، ހައިޑްރޯޕަވަރ ސްޓޭޝަންތަކުގައި އަދިވެސް 639 މީހުން ތާށިވެފައި އެބަތިއްބެވެ.

ނޭޕާލްގެ ބޮޑުވަޒީރު ބާލެންދުރަ ޝާހް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 11,000 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އަދި ބައެއް ސަރަހައްދުތަކަށް ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް އަލުން ދޭން ވަނީ ފަށާފައެވެ. ބޮޑުވަޒީރު ވިދާޅުވީ މިއީ ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ހިމާލަޔާ ސަރަހައްދަށް ކުރިމަތިވަމުންދާ ބޮޑެތި ނުރައްކާތަކުގެ ނިޝާނެއް ކަމަށާއި، މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޑުއުފުލަންޖެހޭ ކަމަށެވެ.

މި ކާރިސާއާ ގުޅިގެން ބޭރު ގައުމުތަކުގެ އެހީތެރިކަން ދަނީ ނޭޕާލަށް ލިބެމުންނެވެ. އެގޮތުން 42 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާއާއި ތަކެތީގެ އެހީ މިހާތަނަށް ލިބިފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ޗައިނާއިން ދަނީ ޑީއެންއޭ ޓެސްޓުކުރާ މާހިރުންނާއި، ޑްރޯން އަދި ފެން ސާފުކުރާ ވަސީލަތްތައް ފޮނުވަމުންނެވެ. މީގެއިތުރުން، ސައުތު ކޮރެއާއިންވެސް ވަނީ އެ ގައުމުގެ 9 ރައްޔިތަކު ގެއްލިގެން ހޯދަމުންދާތީ، ސަލާމަތްކުރުމުގެ މަސައްކަތަށް 44 މެންބަރުންގެ އިމަޖެންސީ ޓީމެއް ފޮނުވުމަށް ނިންމާފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް