ނޭޕާލުގައި ފެންބޮޑުވުން- ބިމުއަޑީގައި 121 މަސައްކަތްތެރިން ތާށިވެފައި އެބަތިބި

ނޭޕާލުގައި ފެންބޮޑުވުމުގެ ކާރިސާގައި ބިމުއަޑީގެ ޓަނަލްތަކުގައި 121 މަސައްކަތްތެރިން ތާށިވެފައި އެބަތިބި ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި، ބިމުގެ އަޑީގެ ހަނި ޓަނަލްތަކެއްގެ ތެރޭގައި އެއްވެސް އަލިކަމެއް އަދި ކާބޯތަކެތީގެ އެހީއެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ތާށިވެފައި ތިބި މީހުންގެތެރެއިން، ތިން މަސައްކަތްތެރިން ވަނީ ސަލާމަތްކޮށްފައެވެ.
ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ތްރިޝޫލީ 3A ހައިޑްރޯޕަވަރ ޕްލާންޓުގެ 170 މީޓަރު އަޑީގެ ޓަނަލެއްގެ ތެރޭގައި 9 ދުވަސް ވަންދެން ތާށިވެފައި ތިބި ނޭޕާލްގެ ދެ މަސައްކަތްތެރިންނާއި އެހެން ޕްލާންޓެއްގެ ޓަނަލް ތެރޭގައި 10 ދުވަސް ވަންދެން ބަންދުވެފައި ހުރި ޗައިނާގެ ރައްޔިތެއް ހިމެނެއެވެ.
ސަލާމަތްކުރި މީހުން ބުނި ގޮތުގައި އެމީހުން ދިރިތިބީ ޓަނަލް ތެރޭގައި އުފެދިފައި ހުރި އެއަރ ޕޮކެޓްސް (ވައި ހުރި ބައިތަކެއްގެ) އެހީގައެވެ.
މި ޕްލާންޓްގެ 12 ޓަނަލެއްގައި 121 މީހުން އަދިވެސް ތާށިވެފައި، އެމީހުން ތިބީ ސީދާ ބިމުގެ އަޑީގެ ޓަނަލްތަކުގެ ތެރޭގައި މަށީގެ ދަށުވެ ބަންދުވެފައެވެ.
މި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޓަނަލްތަކުގެ ތެރެއަށް ވަދެފައިވާ މަށި އަދި ކުނިތަކެވެ. ބައެއް ދިމާދިމާލުގައި 15 މީޓަރަށް ވުރެ އުުހަށް މަށި ޖަމާވެ، ހިކެމުންދާއިރު ސިމެންތި ފަދައިން ހަރުވަމުންދާތީ ކޮނުމަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.
މީގެ އިތުރުން، މި ކާރިސާގައި މަގުތަކާއި ފާލަންތައް ހަލާކުވެފައިވުމުން، މަށިގަނޑު ކޮންނަން ބޭނުންވާ ބޮޑެތި އެކްސްކަވޭޓަރުތަކާއި ހެވީ މެޝިނަރީސް އެ ސަރަހައްދަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ޓަނަލްތައް ބެދިފައި ހުރުމުގެ ސަބަބުން އެތެރޭގައި އޮކްސިޖަން ލެވެލް ވަރަށް ބޮޑަށް ދަށްވަމުންދިއުމަކީ ވެސް ރެސްކިއު ޓީމުގެ ބޮޑު ކަންބޮޑުވުމެކެވެ.
މި ގޮންޖެހުންތަކާއެކުވެސް، ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ރެސްކިއު ޓީމުތަކުން ދަނީ ހައި-ޕްރެޝަރު ވޯޓާ ޖެޓްސް ބޭނުންކޮށްގެން މަށިގަނޑު ދިޔާކޮށް، ބާކީ ތިބި 121 މީހުން ދިރިތިއްބާ ސަލާމަތްކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މި ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނުގައި ނޭޕާލްގެ އަސްކަރިއްޔާ އާއި ކަމާބެހޭ އިދާރާތަކާއެކު އަމަލީގޮތުންނާއި ޓެކްނިކަލް ގޮތުން އެންމެ އިސްކޮށް ބައިވެރިވަނީ ޗައިނާ، އެމެރިކާ، އަދި އޮސްޓްރޭލިއާއެވެ.
ނޭޕާލާއި ޗައިނާގެ ޓިބެޓް ބޯޑަރު ސަރަހައްދުގައި ހިމާލިޔާގެ ގްލޭޝިއާއެއް ކަނޑައިގެން ގޮސް ކުރިމަތިވި މި ކާރިސާގައި މިހާތަނަށް މަރުވި ކަމަށް ކަށަވަރު ކުރެވުނު މީހުންގެ އަދަދު 1,380 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. މި ކާރިސާ ހިނގިތާ ދެ ހަފުތާާ ވާން ކައިރިވެފައިވާއިރު، އަދިވެސް 5,500 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ބޭރު ޤައުމުތަކުގެ ފަތުރުވެރިންނާއި މަސައްކަތްތެރިން ވެސް ހިމެނެއެވެ.
އިތުރަށް



.jpg&w=3840&q=100)

.gif.gif&w=828&q=100)