ހޯމް ސްކޫލިންއަށް ފުރުސަތުދޭނީ އެސެސްމަންޓް ހެދުމަށް ފަހު: ތަޢުލީމީ ވަޒީރު

ހޯމް ސްކޫލިން އަށް ފުރުސަތުދޭނީ އެސެސްމަންޓް ހެދުމަށް ފަހު ކަމަށާއި އެ ފުރުސަތު ދޭނީ އެކަމަށް އެދޭ، މީހުންގެ ތެރެއިން ކަނޑައަޅާ ހާއްސަ ޝަރުތުތަކެއް ވަޒަންކޮށްފައި ކަމަށް ތަޢުލީމާއި މަތީ ތަޢޫލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ޤާނުނަށް ގެންނަން ހުށަހެޅި ބަދަލަކީ ހޯމް ސްކޫލިންގެ ޤަވާޢިދު ޤާނޫނުގައި ބަޔާންކޮށް، އޭގެ ނާޖާއިޒް ފައިދާ ނުނެގޭނެ ފަދަ ގޮތަކަށް އެކަން ކުރިއަށްގެންދިއުން ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޤާނޫނުގައި ހޯމް ސްކޫލިން ހިމެނުމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދުނުމުގެ ކަންކަން ހަރުދަނާ ކުރުމަށް ކަމަށާއި އަދި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހޯމް ސްކޫލިންގެ ޤަވާޢިދު ޤާނޫނުގައި ބަޔާން ކުރުން ކަމަށެވެ.
"ހޯމް ސްކޫލިން" ތައާރަފްކުރަން ތަޢުލީމުގެ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމްއެވެ.
މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ހަދާފައިވާ، "ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު" ގައިވާ ގޮތުގެ މަތިން ވެސް ރާއްޖޭގައި ހޯމް ބޭސްޑް ލާނިން ފުރުސަތު އޮވެ އެވެ.
ހޯމް ބޭސްޑް ލާނިންއަކީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން ނުކުޅެދުންތެރިކަމުގެ ދަރަޖަ މަތިވުމުގެ ސަބަބުން ނުވަތަ އާލަމީ ވަބާއެއް ނުވަތަ ކާރިސާއަކާ ގުޅިގެން ނުވަތަ އެ ނޫންވެސް މަގްބޫލު ސަބަބަކާ ހުރެ ސްކޫލަށް ހާޒިރުވުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ދެވޭ ތަޢުލީމީ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ދަށުން މިހާރު ވެސް 46 ކުއްޖަކު ގޭގައި ތިބެގެން ކިޔަވަމުން އެބަދެ އެވެ.
ޑރ. ޝަފީޢު ވިދާޅުވީ މިހާރު އޮތް ސިޔާސަތު، ޤާނޫނަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު އޭގައި ވަނީ ހޯމް ސްކޫލިންއަކީ ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށް އެކަނި ދެވޭނެ ފުރުސަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ، ކޮންމެ ކޮންމެ ދަރިވަރަކަށް ދޭނެ ފުރުސަތެއް ނޫން ކަމަށާއި އެ ފުރުސަތު ދިނުމުގައި ވަކި ޚާއްސަ އެސަސްމަންޓެއް ހަދާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް، ހޯމް ސްކޫލު ކުރަން އެއްވެސް ކުއްޖަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަމަކު މިހާރު ޢަމަލު ކުރަމުންދާ ޤަވާޢިދުގައި ކުއްޖާ ސްކޫލެއްގައި ރަޖިސްޓްރީކުރުން ލާޒިމްކޮށްފައި ނުވާ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)