logologologologo
STO
ޚަބަރު

ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމުގެ ޤަވާޢިދު އެކުލަވާލައިފި

ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމުގެ ޤަވާޢިދު އެކުލަވާލައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 27

ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމުގެ ޤަވާޢިދު އެކުލަވާލައިފިއެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ޤަވާޢިދަކީ މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން ހެދި "ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާޢިދު" އެވެ. މި ޤަވާޢިދުގައި ވަނީ ޔުނިވަރސިޓީއަކަށް ބަދަލުވާނެ މުއްދަތާއި އެ ތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައެވެ.

މި ޤަވާޢިދުގެ މަޤުޞަދަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި ޔުނިވަރސިޓީ ހިންގުމާއި ޔުނިވަރސިޓީ އުވާލުމާގުޅޭ ކަންކަމުގައި އެއް މިންގަނޑައެއްގެ ދަށުން ޢަމަލުކުރާނެ އުޞޫލްތައް ކަނޑައެޅުމާއި ޔުނިވަރސިޓީތަކުގެ މިންގަނޑުތައް ބަޔާންކުރުމެވެ.

ޤަވާޢިދުގައިވާ ގޮތުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުންނެވެ. އަދި ބޭރު ޤައުމެއްގައި އެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުގެ އިތުރުން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް ހިންގުމަކީވެސް ޝަރުތެކެވެ.

މިގޮތުން ކޯސްތައް ހިންގާ ކަމަށް ބަލާނީ މެދުކެނޑުމެއް ނެތި 5 އަހަރަށް ހިންގުމުންނެވެ. ޑިގްރީ އަދި މާސްޓާސް ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު މަދުވެގެން 1000 އަށް އަރަންޖެހެއެވެ. މީގެއިތުރުން، އިންޓަނޭޝަނަލް ޔުނިވަރސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުމުގެ އިތުރުން ބައިނަލްއަޤުވާމީ ޔުނިވަރސިޓީތައް ތަމްސީލުކުރާ ޖަމްޢިއްޔާގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވެސް ވާންޖެހެއެވެ.

މީގެއިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުމުގެ އިތުރުން އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ %10 ޕީއެޗްޑީ ނުވަތަ ޤައުމީ އޮނިގަނޑުގެ ލެވެލް 10 ހާސިލްކޮށްފައިވާ މުވައްޒަފުން ތިބެންޖެހޭނެކަމަށްވެސް ޤަވާޢިދުގައިވެއެވެ.

ޔުނިވަރސިޓީއަކަށް ވުމުން 2 އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ޖެހޭނެ ކަމަށް މި ޤަވާޢިދުގައިވެއެވެ.

މިވަގުތު ރާއްޖޭގައި ހިންގަނީ 2 ޔުނިވަރސިޓީއެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް