ރާއްޖޭގެ އެންމެ އުސް ސްކޫލު ކަމަށްވާ ޢަރަބިއްޔާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ރާއްޖޭގައި މިހާތަނަށް ސަރުކާރުން ބިނާކުރާ އެންމެ އުސް ސްކޫލު ކަމަށްވާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރ 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ސްކޫލަކީ މިހާތަނަށް ރާއްޖޭގައި ސަރުކާރުން ބިނާކުރާ އެންމެ އުސް ސްކޫލެވެ. 10 ފަންގިފިލައަށް އިމާރާތްކުރާ މި ސްކޫލުގައި އަންޑަރގްރައުންޑް ޕާކިން އެއްވެސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އެސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން އާރްސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ޢަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން މަތީ ތަޢުލީމު ހާސިލްކުރުމަށް އެދިއެދި ތިބި ބައެއް ދަރިވަރުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ، އެދަރިވަރުންގެ ޝުއޫރުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެދަރިވަރުންގެ ޝުއޫރުތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަރިވަރުން ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވައި ސަރުކާރުން މަތީ ތަޢުލީމަށް ދެއްވާ ޚާއްސަ އިސްކަން ފާހަގަކުރައްވާފައެވެ.
މި ޢިމާރާތުގެ މަސައްކަތް 31ޑިސެމްބަރ 2026ގެ ނިޔަލަށް ނިންމާ، އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ފެންވަރުގައި ކުރިއަށްގެންގޮސް ނިންމާ، ހުޅުވައި، ކިޔަވައިދޭން ފެއްޓުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.
އެންމެ ފުރަތަމަ ޢަރަބިއްޔާ ސްކޫލު ހިންގަމުން އައީ މަޖީދީ މަގުގައި މިހާރު ޢަރަބިއްޔާ ފްލެޓްސް ހުރި ބިމުގައެވެ. ނަމަވެސް 2010 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ އެ ބިން އަތުލައި ޢަރަބިއްޔާގެ ދަރިވަރުން މަންދު ކޮލެޖު އޭރު ހިނގަމުން އައި (މިހާރު ޤައުމީ ޔުނިވަރސިޓީ) އިމާރާތުގައި ކިޔަވާ ގޮތަށް ބަދަލުކޮށްފައެވެ.
އެގޮތް ގަބޫލު ނުކޮށް އެ ދަރިވަރުންނަށް ވަކި ސުކޫލެއް ބޭނުން ކަމަށްބުނެ، އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކަށްފަހު ޗާންދަނީ މަގުގައި ޢަރަބިއްޔާ ސްކޫލުގެ އިމާރާތެއް ސަރުކާރުން އެޅިއެވެ. ނަމަވެސް އެންމެ 5 ވަރަކަށް އަހަރުތެރޭގައި އެ އިމާރާތުގެ އެކި ހިސާބުތަކުގައި ރެނދު އަޅައި ފަޅައިގެން ގޮސް، އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫންކަމަށް ސަރުކާރުން ނިންމިއެވެ.
އޭގެފަހުން ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަމުން ދިޔައީ ހެންވޭރު ފެރީ ޓާމިނަލް ކައިރީ ހުންނަ އެމްޓީސީސީގެ ވަގުތީ އޮފީސް (މިހާރު ސަޢޫދީ އެމްބަސީ ހުންނަ) އިމާރާތުގައެވެ.
އެއަށްފަހު ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ 2016 ވަނަ އަހަރު، ދަރުމަވަންތަ ސްކޫލު ހިންގަން ދަގަނޑުން ހަދާފައިވާ ވަގުތީ ސުކޫލުގައެވެ.
ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މި ބޮޑު މައްސަލަ ހައްލުކޮށްދެއްވައި، ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އައު އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
އެގޮތުން މި ސްކޫލްގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ފެންވަރުގައި ކުރިއަށްގެންގޮސް ނިންމާ، ހުޅުވައި، ކިޔަވައިދޭން ފެއްޓުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.
މި އަހަރުގެ ޑިސެމްބަރު 31 ގައި މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރަން ތައްޔާރުވަމުން އަންނައިރު، މި އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތް ފަށާފައި ވަނީ 19 އޭޕްރީލް 2025 ގައި ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)