logologologologo
STO
ޚަބަރު

ރަސްމާލޭގައި އަޅާ ޕްރޮޕަޓީތައް ގަތުމުގެ ޝައުޤުވެރިކަން ހުރީވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ މީހުން: ރައީސް

ރަސްމާލޭގައި އަޅާ ޕްރޮޕަޓީތައް ގަތުމުގެ ޝައުޤުވެރިކަން ހުރީވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ މީހުން: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 28

ރަސްމާލޭގައި އަޅާ ޕްރޮޕަޓީތައް ގަތުމުގެ ޝައުޤުވެރިކަން ހުރީވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ފެންނަން އޮތް ހަޤީޤަތަކީ، ރަސްމާލޭގައި އަޅާ ޕްރޮޕަޓީތައް ގަތުމުގެ ޝައުޤުވެރިކަން ހުރީ ވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ މީހުން ކަމަށެވެ.

"މިތަންތަނުގައި މިހާތަނަށްވެސް އަޅުގަނޑުމެންނަށް ފެންނަން މިއޮތް ހަޤީޤަތަކީ، ޖީސީސީ ގެ ޤައުމުތައް ޢަރަބި އިސްލާމީ ޤައުމުތަކުގެ މީހުން މިތަންތަން، މިތަނުގައި އަޅާ ޕްރޮޕަޓީޒްތައް ގަތުމުގެ ޝައުޤުވެރިކަން ހުރީވެސް." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަނުގައި މުޅިން ހެން ތިބޭނީ ދިވެހިންނާއި އެހެން ޤައުމުތަކުގެ މުސްލިމުންނާ ކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް ޔަޤީންކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ހަދާ މއެކަހަލަ ތަނަކަށް އަންނާކަށް މީހުން ބޭނުމެއް ނުވާނެ ކަމަށާއި މީ އެހެން ގޮތަކަށް އުޅޭ ތަނެއް ކަމަށެވެ. ރާއްޖެއަކީ ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެއް ކަމަށާއި ވަރަށް ޕީސްފުލް، ވަރަށް ރީތި ޤައުމެއް ވީމަ މިތަނުގެ ރީތިކަމާއި ހިތްހަމަޖެހުމާއި ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ ކަމަށެވެ.

"އެހެންވީމަ މިތަނަކީ މި ދެންނެވި ފަދަ ތަނެއް އެހެންވީމަ. އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އޮންނާކަށް ނުޖެހޭ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ޤައުމެއްގެ ރައްޔިތުންނަށް މިތަނުގެ ގިނަވެގެން 25 ޕަސެންޓަށް ވުރެ ގިނައިން ޕްރޮޕަޓީއެއް ނުވިއްކޭނެކަން ޤާނޫނުގައި އޮންނާނެ ކަމަށާއި ދިވެހިން އިސްތިސްނާވާނެ ކަމަށެވެ. ދިވެހިންނަށް ހުރިހާ ތަނެއް ވެސް ގަނެވެންޏާ ގަނެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްރާއިލުގެ އެއްވެސް ރައްޔިތަކަށް މިތަނުގެ އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށާއި ކުއްޔަށް ވެސް ނުލިބޭނެ ކަމަށާއި އެންމެ ދުވަހަކަށް މަޑުކުރާކަށް ވެސް ނާދެވޭނެ ކަމަށެވެ.

"ކޭވައިސީ ޗެކްކޮށްގެން އަޅުގަނޑުމެން މި ޕާސްޕޯޓް އެކަންޏެއް ނޫން، ހުރިހާ ގޮތަކުން ބަލާނަން އެއީ ކޮން ގައުމެއްގެ ރައްޔިތެއްތޯ. އެހެންވީމާ، މިތާކަށް ނާދެވޭނެ އިސްރާއިލުގެ ރައްޔިތަކަށެއް." ރައީސް ވިދާޅުވިއެވެ.

ރަސްމާލެއާ ގުޅުވައި އިދިކޮޅުން ދައްކާ ވާހަކަތަކީ އެއްވެސް ކަހަލަ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ ބިރު އުފައްދަންވެގެން އަދި އެ އިންވެސްޓްމެންޓް އަޔަނުދޭން ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް