logologologologo
STO
ޚަބަރު

ޒިންމާދާރު ވުނަކުރުންތަކަށް ރާއްޖެއިން މަރުޙަބާ ކިޔައި، އެއްބާރުލުން ދެއްވާނެ: ރައީސް

ޒިންމާދާރު ވުނަކުރުންތަކަށް ރާއްޖެއިން މަރުޙަބާ ކިޔައި، އެއްބާރުލުން ދެއްވާނެ: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 28

ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށާއި، އެފަދަ ވުނަކުރުންތައް ކާމިޔާބު ކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާއި ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ފޯރަމަކީ ހަމައެކަނި ވުނަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ރައްޔިތުންނަށް، ފެންނަން ހުރި ފައިދާތަކެއް ހޯދައިދީފައިވާ، އެކުވެރިކަމުގެ އައު ބާބެއް ފެށުމަށް ބޭއްވި ފޯރަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ކަނޑުމަގުން ކުރެވުނު ވިޔަފާރިއާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން، ރާއްޖެއާއި ޗައިނާ ވަރަށްބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން މިއަދު ވަނީ ދެފަރާތުގެ އިޙްތިރާމާއި، އިތުބާރާއި، ތަރައްޤީގެ އަމާޒުތަކުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް ބަދަލުވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

1ޖެނުއަރީ 2025 ގައި ޢަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރާ ގުޅި، ވިޔަފާރީގައި ވާދަކުރުމުގެ ފަހި ފުރުޞަތުތަކެއް ދިވެހި ވިޔަފާރިތަކަށް ފަހިވެގެން ގޮސްފައިވާ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ، 2025 ޖެނުއަރީން 2026 އޯގަސްޓަށް ޗައިނާއިން ރާއްޖެއަށް ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާ ކަމަށާ، އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދާ (ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް) އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުން ކަމުގައެވެ.

އަމާޒަކަށް ވާންވާނީ ހަމައެކަނި ވިޔަފާރިކުރެވޭ މިންވަރު އިތުރުކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މިގުޅުމުގެ ނަފާ މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް ފޯރާނެހެން އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އުފައްދާ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތަކަށާއި، އަތްތެރި މަސައްކަތުން އުފައްދާ ތަކެއްޗާއި، ރާއްޖެއިން ލިބެންހުރި ޚިދުމަތްތައް ޗައިނާގެ ބާޒާރުގައި ވިއްކުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވައި، ޒަމާނީ އުފެއްދުންތަކާއި، ސަޕްލައި ޗޭނާއި، މުދާ ވިއްކުމުގެ ނިޒާމުގެތެރެއިން، ބާޒާރުގައި ހުރި ފުރުޞަތުތައް ފަހިކުރުމަށް ދިވެހި ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުމަށް، ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖެ މިހާރު މިޞްރާބު ޖަހާފައިވަނީ ޤައުމީ ތަރައްޤީގެ މުހިންމު ބާބަކަށް ކަމަށާއި، "ވިޝަން 2040" ގެ ދަށުން 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމުގައެވެ. އަދި މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އާއީޖާދުތަކަށް މަގުފަހިކޮށް، މުސްތަޤްބަލުގައި ރާއްޖެއަށް ވުނަކުރުމަށް ތައްޔާރަށް ތިބި ވުނޭރުންނާއެކު ގުޅުން ޤާއިމުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވުނޭރުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ވިޔަފާރީގެ ސިޔާސަތުތަކުގެ ޔަޤީންކަން ހޯދައިދިނުމަށްޓަކައި، 40 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޢަމަލުކުރަމުން އައި ބިދޭސީ އިންވެސްޓްމަންޓް ޤާނޫނު އުވާލައި، އައު ޤާނޫނެއް ވުޖޫދު ކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ އިސްތިރާޖީ ދާއިރާތަކުގެ ތެރެއިން، އިޢާދަކުރަނިވި ހަކަތައާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، މުދާ އުފުލުމާއި، މަސްވެރިކަމުގެ ޒަމާނީ އުފެއްދުންތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، ޞިއްޙީ ދާއިރާއާއި، މާލީ ޚިދުމަތްތަކުގެ އިތުރުން، ޒަމާނީ ކުރިއެރުންތައް ބޭނުންކޮށްގެން ޢިމާރާތް ކުރުމާ، އަދި ރަށްވެހި ތަރައްޤީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުން ފަދަ ދާއިރާތަކުން ފުރުޞަތުތައް ހުޅުވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން ވުނަކުރުންތަކަށް ހުޅުވާލަނީ، ހަމައެކަނި ރައުސްމާލެއް ހޯދަން ނޫން ކަމަށާއި، އޭގެ ސަބަބުން އުފެދޭ އައު ޞިނާޢަތްތަކަށާއި، ތަރައްޤީވާ ހުނަރުތަކަށާއި، އުފެދޭ ވަޒީފާތަކުގެ އިތުރުން ރައްޔިތުންނަށް ފަހިފުރުޞަތުތަކެއް ހޯދައިދިނުމަށް ކަމުގައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއިން ލިބެންހުރި ފުރުޞަތުތައް ދެނެގަނެ، ދިވެހި ވިޔަފާރިތަކުގައި ޙިއްސާވެ، ވިޝަން 2040 ޙާސިލުކުރުމުގެ ދަތުރުގައި އެ ފަރާތްތަކުގެ ތަޖުރިބާއާއި، ޚިޔާލުތަކާއި އީޖާދީ ވިސްނުންތަކާއެކު ބައިވެރިވުމަށް ހުރިހާ އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. އަދި މި ފޯރަމަކީ ހަމައެކަނި މަޝްވަރާތަކެއް ކުރާ މަންސައަކަށް ވުމުގެ ބަދަލުގައި، މިފޯރަމްގެ ޒަރީޢާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރު ލިބި، އައު ޕާރޓްނަރޝިޕްތައް އުފެދި، އިތުރު ކުރިއެރުން ގެނެސްދޭނެ ފޯރަމެއް ކަމުގައި ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާ އާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް