ފަލަސްޠީނުގެ ދިފާޢުގައި ވަކާލާތުކުރައްވާ، ބްރެޒިލްގެ ރައީސް 4 ވަނަ ދައުރަށް އިންތިޚާބުވެއްޖެ

ފަލަސްޠީނުގެ ދިފާޢުގައި ވަކާލާތުކުރައްވަމުން އަންނަ، އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑާ ސިލްވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ބްރެޒިލްގައި އިއްޔެ ބޭއްވި ފޯރިގަދަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ލޫލާ ވަނީ ބްރެޒިލްގެ ރައީސްކަމުގެ ތާރީޚީ 4 ވަނަ ދައުރެއް ހާސިލްކުރައްވައިފައެވެ.
މި އިންތިޚާބުގައި ލޫލާ ވަނީ އިސްރާއީލަށް ނުހަނު ތާއީދުކުރާ އޭނާގެ ވާދަވެރި ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ ބަލިކުރައްވާފައެވެ.
ލޫލާ އަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ބާރަށް އަޑުއުފުއްލަވާ އެއް ލީޑަރެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާދީނީ ޤަތުލުއާންމެއް (ޖެނޮސައިޑް) ހިންގަމުންދާ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ތުހުމަތުކުރައްވާފައެވެ.
މި އިންތިޚާބުގެ ކެމްޕޭނުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފުރިހަމައަށް ތާއީދުކުރައްވައި، އިސްރާއީލުގެ އަސްކަރީ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން، ލޫލާ ކުށްވެރިކުރައްވާފައިވާއިރު، އިދިކޮޅު ކެންޑިޑޭޓް ބޮލްސޮނާރޯ ވަނީ އިސްރާއީލާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބްރެޒިލްގެ އެމްބަސީ ގުދުސް އަށް ބަދަލުކުރުމަށް ވައުދުވެފައެވެ.
ލޫލާ ހޯއްދެވި މި ނަތީޖާއާއެކު، ލެޓިން އެމެރިކާގެ އެންމެ އާބާދީ ބޮޑު ޤައުމު ކަމަށްވާ ބްރެޒިލްގެ ވެރިކަމުގައި ދެންވެސް ދެމިހުންނަވާނީ ފަލަސްޠީނުގެ ޙައްޤުގައި ފާޅުގައި ވަކާލާތުކުރައްވާ އަދި ފަލަސްޠީނުގެ މިނިވަންކަމަށް ވާގިވެރިވާ ރައީސެކެވެ.
އިތުރަށް





.gif.gif&w=828&q=100)