ދުނިޔޭގެ ޒުވާނުންގެ ދުވަސް- ފަލަސްޠީނުގެ ގިނަ ޒުވާން ފިރިހެނުން އިސްރާއީލުގެ ޖަލުތަކުގައި

މިއަހަރުގެ ދުނިޔޭގެ ޒުވާނުންގެ ދުވަހާއި ކުރިމަތިވިލިއިރު އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ގިނަ ޒުވާން ފިރިހެނުން އެބަތިބި ކަމަށް އަސީރުންނާބެހޭ ފަލަސްޠީނުގެ އިދާރާއިން ބުނެފިއެވެ.
އަނަޑޯލު އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒުވާނުންގެ މައްސަލަތަކާއި މުޖުތަމަޢު ބިނާކުރުމުގައި އެމީހުންގެ ދައުރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު އޯގަސްޓް 12 ގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހު، ފަލަސްތީނުގެ ކޮމިޝަން އޮފް ޑިޓެއިނީސް އެފެއާޒްގެ ވެރިޔާ ރާއިދު އަބޫ އަލްޙިމްޞް ވިދާޅުވީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 4,769 ޒުވާން އަންހެނުންނާއި ފިރިހެނުން ބަންދުކޮށްފައިވާ ކަމަށެވެ.
ރާއިދު އަބޫ އަލްޙިމްޞް ވިދާޅުވީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެން ޒުވާނުންގެ އަދަދަކީ 4,713 އަށް އަރާ ކަމަށާއި އަދި އަންހެން ޒުވާނުންގެ އަދަދު 56 އަށް އަރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 2023 އޮކްޓޫބަރުގެ ފަހުން އިސްރާއީލުގެ ޖަލުތަކުގައި ޝަހީދުވި ފަލަސްތީނުގެ 91 ކުށްވެރިންގެ ތެރެއިން 41 މީހުންނަކީ ޒުވާނުންނެވެ.
"އޭގެ ތެރެއިން 40 ޒުވާނެއްގެ ހަށިގަނޑު، އަދިވެސް ވަނީ އިސްރާއީލުގެ ކަމާބޭހޭ ފަރާތްތަކުގެ ބާރުގެ ދަށުގައި ހިފަހައްޓާފައެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7 ގައި އެމެރިކާގެ މަދަދާއެކު ޣައްޒާގައި ހިންގަންފެށި ޤަތުލުޢާއްމަށްފަހު، އިސްރާއީލުން ވަނީ ފަލަސްތީނުގެ އަސީރުންނާ ދެކޮޅަށް ހިންގާ އިންސާނީ ޢަމަލުތަކާއި ޙައްޤުތަކަށް އަރައިގަތުން އިތުރު ކޮށްފައެވެ.
"ދުނިޔޭގެ އެހެން ޒުވާނުންނެކޭ އެއްފަދައިން މި ދުވަސް ފާހަގަކުރުމާއި، އިސްތިއުމާރީ ބާރުތަކުން އެމީހުންނާއި މުޅި ފަލަސްތީނު ރައްޔިތުންގެ މައްޗަށް މަޖުބޫރުކޮށްފައިވާ ހުރިހާ ނުރައްކާތަކަކާއި ބިރުވެރިކަމަކުން މިނިވަންވެފައިވާ އުޖާލާ މުސްތަޤްބަލަކަށް އުއްމީދު ކުރުމަކީ ޒުވާނުންގެ ޙައްޤެކެވެ،" އަބޫ އަލްޙިމްޞް ވިދާޅުވިއެވެ.
"ދިރިއުޅުމުގެ ޙައްޤާއި، މިނިވަންކަމާއި، މަސައްކަތްކުރުމާއި، ދަތުރުކުރުމުގެ މިނިވަންކަމަކީ ބައިނަލްއަޤްވާމީ ޤަވާއިދުތަކާއި މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކެކެވެ. އަދި އަޅުގަނޑުމެންގެ ޒުވާނުންގެ ދިރިއުޅުމުގައި މިކަން ހާސިލުވާންޖެހޭނެއެވެ. ފަލަސްތީނުގެ ޒުވާނުންނަކީ ފަލަސްތީނު ރައްޔިތުންގެ ޖިހާދުގެ މައިބަދައެވެ. އަދި އިސްތިއުމާރާއި، އަނިޔާވެރިކަމާއި، ފިއްތުންތަކުން މިނިވަންވުމަށްޓަކައި ހަނގުރާމަކުރާ ޙަޤީޤީ މުޖާހިދުންނެވެ. މިނިވަންކަމާއި އަމިއްލަވެރިކަމުގެ ހުވަފެންތަކާއި އުންމީދުތައް ހާސިލުވެ، ރައްކާތެރިކަމާއި ހަމަޖެހުމުގައި އާދައިގެ ދިރިއުޅުމެއް ލިބެންދެން އެމީހުން ދެމިތިބޭނީ އެގޮތުގައެވެ" އޭނާ އިތުރަށް ވިދާޅުވިއެވެ.
އޭނާ ވަނީ ބައިނަލްއަޤްވާމީ މުއައްސަސާތަކަށް، ޚާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޖަމްޢިއްޔާތަކަށް، ފަލަސްތީނުގެ ޒުވާނުންނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ކުށްވެރިކުރުމަށާއި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ކުރިމަތިކުރުވާ ހުރަސްތަކުން މިނިވަންވެގެން ދިރިއުޅުމުގެ ޙައްޤަށްޓަކައި އަޑުއުފުލުމަށް ގޮވާލައްވާފައެވެ.
ފަލަސްތީނާއި އިސްރާއީލުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި 9,400 އަށްވުރެ ގިނަ ފަލަސްތީނު އަސީރުން އެބަތިއްބެވެ. އޭގެ ތެރޭގައި 92 އަންހެނުންނާއި 370 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އެމީހުންނަށް އަނިޔާކުރުމާއި، ބަނޑަށް ޖެއްސުމާއި، ސިއްޙީ އެހީތެރިކަން ނުދީ އިހުމާލުވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހިފައިވާއިރު، އޭގެ ސަބަބުން އެތައް އަސީރުންނެއް ވަނީ ޝަހީދުވެފައެވެ.
1948 ވަނަ އަހަރު އިސްރާއީލު އުފެއްދީ، ޤަތުލުޢާއްމުތައް ހިންގައި މަދުވެގެން 750,000 ފަލަސްތީނު ރަށްވެހިން ގެދޮރުން ނެރެލި ޒަޔަނިސްޓް ހަތިޔާރުއެޅި ގުރޫޕްތަކުން ފޭރިގެންފައިވާ ބިމުގައެވެ. އޭގެފަހުން ތެލް އަވީވްއިން ވަނީ ފަލަސްތީނުގެ ބާކީ ހުރި ސަރަހައްދުތަކަށް ވެސް ވެރިވެގަނެ، އެ ސަރަހައްދުތަކުން ފޭބުމަށާއި އދ. ގެ ޤަރާރުތަކުގެ ދަށުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާފައެވެ.
އިތުރަށް




.gif.gif&w=828&q=100)