އިތުރު 75 މީހެއްގެ ހަށިގަނޑުގެ ބައިތައް ވަޅުލުމުގެ ޖަނާޒާ ޣައްޒާގައި ބާއްވައިފި

އިތުރު 75 މީހެއްގެ ހަށިގަނޑުގެ ބައިތައް ވަޅުލުމުގެ ޖަނާޒާ ޣައްޒާގައި ބާއްވައިފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ބުނިގޮތުގައި މި ހަށިތަކަކީ ޣައްޒާ ސިޓީގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ކުރީކޮޅު ހަލާކުކޮށްލި ގޭގޭގެ ކުނިބުނިތަކުގެ ދަށުން ދާދިފަހުން ފެނުނު 75 މީހެއްގެ ހަށިގަނޑުގެ ބައިތަކެވެ. މި ހަށިތައް ވަޅުލުމަށް މިއަދު ބޭއްވި ޖަނާޒާގައި، ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިރެކްޓަރ ޢަބްދުﷲ އަލް މަޖްދަލާވީ، ތުރުކިޔޭގެ އަނަދޮލޫ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، މި ހަށިގަނޑުތައް ފެނިފައިވަނީ ވޭތުވެދިޔަ ހަފުތާތަކުގައި ޣައްޒާ ސިޓީގެ އުތުރުއިރުމަތީގައިވާ ދަރަޖް އަވަށުގެ ސުންނާފަތިވެފައިވާ ބައެއް ގޭގޭގެ ދަށުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އިމާރާތްތަކަށް ބޮންއަޅާފައިވަނީ ހަނގުރާމައިގެ ކުރީކޮޅު، އެތަނުގައި މީހުން ދިރިއުޅެމުން ދަނިކޮށެވެ. އަދި ޝަހީދުވި މީހުންނަކީ ފަލަސްޠީނުގެ ގާތްގަނޑަކަށް 20 އާއިލާއަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ގެދޮރު ގެއްލިގެން އެ ގޭގެއަށް ހިމާޔަތް ހޯދަން އައިސް ތިބި މީހުންވެސް ހިމެނެއެވެ.
މަޖްދަލާވީ އިތުރަށް ވިދާޅުވީ، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުން ހަށިގަނޑުތައް ނެރުމަށް ކުރާ މަސައްކަތްތަކަށް، ބޭނުންވާ ސާމާނާއި ބޮޑެތި މެޝިނަރީތައް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. މި ހޯދުމުގެ މަސައްކަތްތަކަކީ، ކުނިބުނިތަކުގެ ދަށުގައި ތާށިވެފައިވާ ފަލަސްޠީނު މީހުންގެ ހަށިގަނޑުތައް ނެރުމަށް ޖުލައި 19 ގައި ސިވިލް ޑިފެންސުން ފެށި މަޝްރޫޢުގެ ދެވަނަ ފޭސްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.
މި ފޭސްގެ ދަށުން ޣައްޒާ ސިޓީއާއި، އެ ސަރަޙައްދުގެ އުތުރާއި މެދުތެރޭގެ ބައިތަކުގައި ހަލާކުވެފައިވާ 147 ގެއެއް ބަލައި ފާސްކުރާނެއެވެ. އެ ސަރަޙައްދުގައި ގާތްގަނޑަކަށް 1,072 ހަށިގަނޑު ތާށިވެފައިވާނެ ކަމަށް ބެލެވެއެވެ.
ނޮވެމްބަރު 2025 ގައި ފެށި ފުރަތަމަ ފޭސްގެ ދަށުން، ސުންނާފަތިވެފައިވާ 54 ގެއަކާއި އިމާރާތެއްގެ ދަށުގައި ވަޅުލެވިފައިވާނެ ކަމަށް ބެލެވުނު 559 މީހުންގެ ތެރެއިން 333 މީހެއްގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް ވަނީ ހޯދިފައެވެ. ނަމަވެސް ވަޞީލަތްތައް މަދުވުމުގެ ސަބަބުން، ބާކީ ތިބި 226 އެއްހާ މީހުންގެ ހަށިގަނޑާ ހަމައަށް ޓީމުތަކަށް ދެވޭގޮތް ވަނީ ނުވެފައެވެ.
ގެއްލިފައިވާ 8,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އަދިވެސް ކުނިބުނިތަކުގެ ދަށުގައިވާނެ ކަމަށް ބެލެވެއެވެ. އަދި މިހާރު ހުރި ވަޞީލަތްތަކާއެކު އެ އެންމެން ނެރުމަށް ގާތްގަނޑަކަށް 8 އަހަރު ހޭދަވެދާނެ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް ޓީމުން ބުނެއެވެ.
ޣައްޒާގައި 10 އޮކްޓޫބަރު 2025 އިން ފެށިގެން ހިނގަމުންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދަށުން، އިސްރާއީލުން އެ ސަރަޙައްދަށް ބޮޑެތި މެޝިނަރީތަކާއި ސާމާނު ވެއްދުމުގެ ހުއްދަ ދޭންޖެހެއެވެ. ނަމަވެސް ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުންނާއި ޖަމާޢަތްތަކުން ދަނީ، އިސްރާއީލުން އެ ވައުދާއި އެހެނިހެން އިލްތިޒާމްތަކަށް އިޙްތިރާމްކޮށްފައި ނުވާ ކަމަށް ތުހުމަތުކުރަމުންނެވެ.
އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށި ފަހުން، މިހާތަނަށް 74,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެ، 175,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އެ ސަރަޙައްދުގެ މަދަނީ އިންފްރާސްޓްރަކްޗާގެ %90 ވަނީ ބިމާ ހަމަކޮށްލާފައެވެ.
އިތުރަށް





.gif.gif&w=828&q=100)