logologologologo
STO
ޚަބަރު

ފަލަސްޠީނުގެ ދިފާޢީ ރަމްޒެއްކަމުގައިވި، މަޝްހޫރު ކުރެހުންތެރިޔާ މަންސޫރު އަވަހާރަވެއްޖެ

ފަލަސްޠީނުގެ ދިފާޢީ ރަމްޒެއްކަމުގައިވި، މަޝްހޫރު ކުރެހުންތެރިޔާ މަންސޫރު އަވަހާރަވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 25

ފަލަސްޠީނުގެ ދިފާޢީ ރަމްޒެއްކަމުގައިވި، މަޝްހޫރު ކުރެހުންތެރިޔާ ސުލައިމާނު މަންސޫރު އަވަހާރަވެއްޖެއެވެ.

​ސުލައިމާން މަންސޫރަކީ ފަލަސްތީނުގެ މިނިވަންކަމާއި ސަޤާފީ ދިފާޢުގެ ރަމްޒެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވި ކުރެހުންތެރިއެކެވެ. އުމުރުން 79 އަހަރުގެ މަންސޫރު އަވަހާރަވިކަން އޭނާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

​1947 ވަނަ އަހަރު އުފަންވި މަންސޫރަކީ ފާއިތުވި ފަސްދޮޅަސް ވަރަކަށް އަހަރު ތެރޭގައި ފަލަސްޠީނުގެ އާޓް ހަރަކާތްތަކުގެ އެންމެ ކުރީގައި ހުރި އެކަކެވެ. އޭނާގެ ކުރެހުންތަކުން ދައްކުވައިދެނީ ފަލަސްޠީނުގެ ސަޤާފަތާއި، ޒައިތޫނި ގަސްތަކާއި، ވަޒަނުން ނެރެލެވުނު ނިކަމެތިކަމާއި، އަދި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްޠީނު ރައްޔިތުން ކުރަމުންދާ ސާބިތު ޖިހާދެވެ.

​މަންސޫރުގެ އެންމެ މަޝްހޫރު މަސައްކަތްތަކުގެތެރޭގައި ​"ޖަމަލް އަލް-މަހާމިލް" ހިމެނެއެވެ. 1973 ގައި އޭނާ ކުރެހި މި ކުރެހުމަކީ ފަލަސްތީނުގެ ތާރީޚުގައިވެސް އެންމެ މަޝްހޫރު އެއް އާޓެވެ. މިއީ ދިރިއުޅުމުގެ ބުރަ އުފުލަމުން، ޤުދުސް ސިޓީ ކޮޑު މައްޗަށް ނަގައިގެން ދާ އުމުރުން ދުވަސްވީ ފަލަސްޠީނު މީހެއް ދައްކުވައިދޭ ކުރެހުމެކެވެ. މި ކުރެހުން ވެގެންދިޔައީ ފަލަސްޠީނުގެ ކޮންމެ ގެއެއްގައިހެން ހިއްޕާފައި ހުންނަ ޤައުމީ ރަމްޒަކަށެވެ.

Art of Sulaiman Mansoor.png

1980 ގެ އަހަރުތަކުގެ ފުރަތަމަ އިންތިފާޟާގެ ދުވަސްވަރު އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ގޮތުން، މަންސޫރާއި އޭނާގެ ބައިވެރިން ވަނީ ކުލައިގެ ބަދަލުގައި ފަލަސްތީނުގެ ފަސްގަނޑުގެ މަށި، ހީނާފަތް އަދި ޒައިތޫނި ތެޔޮ ބޭނުންކޮށްގެން ކުރެހުންތައް ތައްޔާރުކުރަން ފަށާފައެވެ.

އިސްރާއީލުގެ ސިފައިން މަންސޫރުގެ މައުރަޒުތައް ބަންދުކޮށް، ފަލަސްތީނުގެ ދިދައިގެ ކުލަތައް (ރަތް، ފެހި، ކަޅު، ހުދު) ބޭނުންކުރުން މަނާކުރުމުންވެސް، އޭނާ ވަނީ ވިލާތާއި ޢަރަބި ދުނިޔޭގައި ފަލަސްޠީނުގެ އަޑު، އާޓުގެ ޒަރީއާއިން އިއްވައިދީފައެވެ.

މަންސޫރު އަވަހާރަވުމަކީ ފަލަސްޠީނުގެ ތާރީޚާއި އާޓުގެ ދުނިޔެއަށް ލިބުނު ބޮޑު ހުސްކަމެކެވެ. ނަމަވެސް އޭނާ ދޫކޮށްދިޔަ ކުރެހުންތަކަކީ ފަލަސްޠީނުގެ ދިރުމާއި ރައްޔިތުންގެ ސާބިތުކަން ދުނިޔެއަށް ހަނދާންކޮށްދޭނެ އަގުނުކުރެވޭނެ ތަރިކައެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް