logologologologo
STO
ޚަބަރު

ޒުވާނުންގެ ޚިޔާލުތަކާއި އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް

 ޒުވާނުންގެ ޚިޔާލުތަކާއި އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 12

ޒުވާނުންގެ ޚިޔާލުތަކާއި އަޑާއި އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުންތައް، ޒުވާނުންނަށް ފޮނުއްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނޭކަމަށެވެ.

މި ޚާއްޞަ މެސެޖުގައި އެމަނިކުފާނު ވަނީ، ތަފާތު ޙާލަތްތަކުން އަންނަ މީހުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ތަފާތު ރަށްރަށާއި، ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރައްވައިފައެވެ. އެހެންނަމަވެސް، ފެންވަރު ރަނގަޅު ތަޢުލީމާއި، މާނަހުރި ފުރުޞަތުތަކާއި، ޢަބުރުވެރި ދިރިއުޅުމާއި، ތިމާ އާއި ތިމާގެ އާއިލާއަށް އަދަށް ވުރެ ފަހި މާދަމާއެއް ލިބުން ފަދަ، ހުރިހާ ޒުވާނުން ހިއްސާކުރާ އުންމީދުތަކެއް ހުންނާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ހަނދުމަފުޅުކޮށްދެއްވާފައެވެ. އެގޮތުން، ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުޞަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސަރވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތަޢުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިޤާލީ މަރުޙަލާ އޮމާންކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ޒުވާނުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު ހާމަކުރައްވަމުން، ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތަޢުރީފުކުރައްވައި އެމަނިކުފާނު ވަނީ، ޒުވާނުންގެ އިޚުލާޞްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ ގެ މަންޒިލަށް ޤައުމު މިސްރާބު ޖަހާނޭކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ތަރައްޤީގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަމާއި ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ޝިޢާރަށް ބާރުދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ. ކޮންމެ ރަށަކުން، ކޮންމެ ކަހަލަ ޙާލަތަކުން އައި މީހެއް ކަމުގައިވިޔަސް، ކޮންމެ މީހެއްގެ ހުވަފެންތަކަކީވެސް އަގުހުރި ހުވަފެންތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ހުރިހާ ޒުވާނުންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، ވަކި ތަނަކަށް ނުވަތަ ވަކި ޙާލަތަކަށް ނިސްބަތްވީތީ މީހެއްގެ ޤާބިލިއްޔަތަށް ވާސިލުވުމަށް ހުރި ފުރުޞަތުތައް ހަނި ނުވާނޭ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤުވާމީ ތަރައްޤީގެ ބައިވެރިންކަމުގައި ވުމަށް ޒުވާނުންގެ ކިބައިގައިވާ ޤާބިލިއްޔަތު ފާހަގަކުރުމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް