logologologologo
STO
ޚަބަރު

ޕާކިސްތާނަށް ކުރެއްވި ތާރީޚީ އަދި ކާމިޔާބު ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ޕާކިސްތާނަށް ކުރެއްވި ތާރީޚީ އަދި ކާމިޔާބު ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 23

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤް ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ޞާދިޤާއި، ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ ހިމެނިވަޑައިގަންނަވައެވެ.

މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާޢީ އަދި ސަލާމަތީ ދާއިރާގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ޤައުމުންވެސް ވަނީ އެއްބަސްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ދެ ޤައުމުން ވަނީ ޢަޒުމް ކަނޑައަޅާފައެވެ.

އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއެކު ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙީ ދާއިރާއާއި، އިމާރާތްކުރުމާއި، އިންޖިނިއަރިންގ އާއި، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހޯދުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.

މީގެ އިތުރުން، ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒުހިފާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ، ވިޔަފާރިއާއި ފަތުރުވެރިކަމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ތަޢުލީމާއި، ޞިއްޙަތާއި، ޘަޤާފަތް އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްވެސް މަސައްކަތްކުރެވުނެވެ. ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްބާވަތުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ.

މި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ، ފާއިތުވި 60 އަހަރުގެ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުން ވެފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ޢަމަލީގޮތުން ހޯދައިދިނުމަށް ދެ ޤައުމުންވެސް ސާބިތުކަމާއެކު ތިބިކަން ކަށަވަރުކޮށްދެމުންނެވެ.

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑީއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިއްޖެ ކަމަށެވެ.

އެމަނިކުފާނުގެ މެސެޖްގައި ވަނީ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި، އަނބިކަނބަލުންނަށާއި، ސަރުކާރުގެ ވަފުދަށް ވިދާޅުވި އާދަޔާޚިލާފު ހޫނު މަރުޙަބާއާއި، ދެއްވި ލޯތްބާއި، ދީލަތި މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް