logologologologo
STO
ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިއްޖެ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިއްޖެ: ރައީސުލްޖުމްހޫރިއްޔާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 23

ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑީއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖްގައި ވަނީ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި، އަނބިކަނބަލުންނަށާއި، ސަރުކާރުގެ ވަފުދަށް ވިދާޅުވި އާދަޔާޚިލާފު ހޫނު މަރުޙަބާއާއި، ދެއްވި ލޯތްބާއި، ދީލަތި މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މި ދަތުރަކީ ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގައި ތާރީޚީ ރާސްތާއެއް ކަނޑައެޅިގެންދިޔަ ދަތުރެއް ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ދެޤައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވައި، ބައިވެރިވުމުގެ އާ ދައުރަކަށް ދަތުރުކުރުމަށް އެއްބަސްވެފައެވެ. އަޅުގަނޑުމެންގެ މަޤްޞަދު ސާފު، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ބައިލެޓްރަލް ގުޅުންތައް މީގެ ކުރިން ދުވަހަކުވެސް ނުދާ ބާރުމިނެއްގައި ކުރިއަރުވައި، އަޅުގަނޑުމެންގެ ދިގު މުއްދަތުގެ އެކުވެރިކަން އިޤްތިޞާދީ އިތުރު ފުރުޞަތުތަކަށާއި، ހިއްސާކުރެވޭ ފާގަތިކަމަށާއި، އަދި ދެޤައުމުގެ ރައްޔިތުންނަށް އަމަލީ ގޮތުން ފައިދާކުރާނެ ކަންކަމަށް ބަދަލުކުރުމެވެ." ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ މި އައު ބާބުގެ އެންމެ މުހިންމު އެއް އަމާޒަކީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން ކަނޑައެޅި ގުޅިފައިވާ އަޒުމެވެ.

ރައީސް ވިދާޅުވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާއެކު ވާހަކަދެއްކެވުމުގެ ޝަރަފު ލިބުނު ކާމިޔާބު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" އަކީ، މި މުހިންމު ވަޢުދު ޢަމަލީ އިންވެސްޓްމަންޓްތަކަށާއި، ވަރުގަދަ ވިޔަފާރީގެ ބައިވެރިވުންތަކަށާއި، އަދި މާނަވީ އިޤްތިޞާދީ އެއްބާރުލުމަކަށް ބަދަލުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ދަތުރުގައި ބަދަލުކުރެވުނު 20 އެމްއޯޔޫއިން ދޭހަކޮށްދެނީ، ހަމައެކަނި އުންމީދުތަކެއް ކުރުމުގެ ބަދަލުގައި، ޢަމަލީ މަސައްކަތްތަކަކާއި އަދި ފެންނަން ހުރި ނަތީޖާތަކަކަށް ދިއުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑު އިސްލާމްއާބާދުން މި ފުރަނީ ހިތްހަމަޖެހޭ ހަނދާންތަކަކާއި، ފުން ޝުކުރުވެރިކަމަކާއި، އަދި އަޅުގަނޑުމެން މި އެޅި ބިންގަލުގެ ސަބަބުން ދެޤައުމަށް ފައިދާހުރި، ވަރުގަދަ ގުޅުމެއް ގާއިމްވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގައެވެ." ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިމަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ވަނީ ނިންމަވާލައްވާފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް