ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީ، ޚަލީލް ޔަހޫދީންގެ ބާރުގެދަށަށް ގެންގޮސްފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޚަލީލް (ހެބްރޮން) ހިޞާރުކޮށް އެ ސަރަހައްދުގެ އަވަށްތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ ޢާއިލާތައް ގެދޮރު ދޫކޮށް ދިއުމަށް އަމުރުކޮށް ގިނަ ބަޔަކު މަގުމަތިކޮށްފިއެވެ.
މި ފިޔަވަޅަކީ ޚަލީލް ކައިރީގައި އިސްރާއީލް ސިފައިންގެ 2 މީހަކު މަރުވި ހަމަލާއަކާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުޅަނގު އައްސޭރީގައި ފުޅާދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ނިންމި ނިންމުމުގެ ދަށުން އެޅި ފިޔަވަޅެކެވެ.
އިސްރާއީލް ސިފައިން ވަނީ ޚަލީލް އަދި ކައިރީގައިވާ ހަލްހުލް އަވަށް އެއްކޮށް ބަންދުކޮށް، ހިސާރުކޮށްފައެވެ. އަދި ހަމަލާދިން މީހުން ދިރިއުޅޭ ކަމަށް ބުނާ އަވަށްތަކުގެ ހުރިހާ ރައްޔިތުން ގެދޮރުން ނެރެ، މަގުމަތިކޮށްފައިވާ އިރު، ސިފައިން ދަނީ ގެއިން ގެޔަށް ވަދެ ފާސްކުރަމުންނެވެ.
ގެދޮރު ހުސްކުރުމުގެ އަމުރާއެކު، އިސްރާއީލުގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން ޚަލީލްގެ "ފަރްޝް އަލް-ހަވާ" ސަރަހައްދުގައި ހުރި ފަލަސްތީނު މީހުން ދިރިއުޅޭ 3 ބުރީގެ ޢިމާރާތަކާއި، ބައެއް ވިޔަފާރިތައް ވަނީ ތަޅާ ސުންނާފަތިކޮށްފައެވެ.
މިއާއިއެކު ދެވަނަ އިންތިފާޟާއަށްފަހު ފުރަތަމަ ފަހަރަށް ޚަލީލްގެ މަގުތަކަށް އިސްރާއީލުގެ އަސްކަރީ ޓޭންކުތަކާއި ބަރުހަތިޔާރު އެޅި އުޅަނދުތައް ވައްދައި، މުޅި ސިޓީގެ ކޮންޓްރޯލް ވަނީ ނަގާފައެވެ.
ޚަލީލްއަކީ ހުޅަނގު އައްސޭރީގައި އޮންނަ، ފަލަސްޠީނުގެ އެންމެ ބޮޑު އެއް ސިޓީއެވެ. މި ސިޓީގައި 250،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ދިރިއުޅެއެވެ.
ފަލަސްޠީނުގެ ރަސްމީ ފަރާތްތަކުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ، މިއީ ހަމަލާދިން މީހުންނާ އެއްވެސް ގުޅުމެއް ނެތް އާންމު ރައްޔިތުންނަށް ދެވޭ ޣައިރުޤާނޫނީ "ޖަމާއީ އަދަބެއް" ކަމަށް ބުނެފައެވެ.
ފަލަސްޠީނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލް ސިފައިން މުޅި އަވަށްތައް ހުސްކުރަން އެންގުމުން، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ވަނީ ފިނިގަދަ ރޭގަނޑުގައި އެއްވެސް ހިޔާވަހިކަމެއް ނެތްގޮތަށް މަގުމަތީގައި ތާށިވެފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ހުޅަނގު އައްސޭރީގެ މަސްރަޙު ގޯސްވަމުންދާތީ "އިންތިހާއަށް ކަންބޮޑުވާ" ކަމަށް ވިދާޅުވެ، މުޅި ސަރަހައްދު ބަންދުކޮށް އާންމުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އިސްރާއީލުގެ ޕާލިމަންޓް އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ހިންގާ މި އަސްކަރީ ހަރަކާތަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ ޖަމާއީ އަދަބެއް ގެ ގޮތުގައި ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް ސިފަކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)