logologologologo
STO
ޚަބަރު

ރަސްމާލެ މަޝްރޫޢުން އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވާނެ ކަމަށް ދިރާސާއިން ދައްކައިފި

ރަސްމާލެ މަޝްރޫޢުން އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވާނެ ކަމަށް ދިރާސާއިން ދައްކައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 25

ވަކިން ހަދާ ރިސޯޓަކަށް ވުރެ ރަސްމާލެ މަޝްރޫޢުން އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވާނެ ކަމަށް ދިރާސާއިން ދައްކައިފިއެވެ.

ރަސްމާލޭގެ 500 ހެކްޓަރު ބިމުގައި ތަރައްޤީކުރާ "ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ "އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް" ނުވަތަ އިޤްތިޞާދީ އަސަރުތަކާބެހޭ ދިރާސާ ހަދާފައިވަނީ އީވެލިއުސާވްއިންނެވެ. މި ކުންފުންޏަކީ ގްލޯބަލް ރިސާޗް އެންޑް އެނަލިޓިކްސް ފާމްއެކެވެ.

އިއްޔެ ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައި އެ ކުންފުނީގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ފާހަގަކުރި އެއް ކަމަކީ ރަސްމާލެ ފަދަ މަލްޓި-ޕާޕަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކުން އުފެއްދުންތެރިކަން ކުރިއަށް ދާނެ މިންވަރާއި ލޯކަލް ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިބި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވާނެ ގޮތްތަކެވެ.

އީވެލިއުސާވް އިން ބުނީ، ވަކިން ހަދާ ރިސޯޓަކަށް ވުރެ މިފަދަ ޕްރޮޖެކްޓަކުން ޖީޑީޕީ ގްރޯތް ނުވަތަ އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވެ "އިކޮނޮމިކް މަލްޓިޕްލަޔަ އިފެކްޓް" އެއް އުފެދޭނެ ކަމަށާއި އެކަން އައިއެމްއެފާއި ވޯލްޑް ބޭންކްގެ ރިސާޗުތަކުން ވެސް ދައްކާ ކަމަށް ކަމަށެވެ. 

އެ ކުންފުނިން ވަނީ ރަސްމާލެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން 30 ބިލިއަނާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިތުރުކޮށްދޭނެ ކަމަށް ލަފާކޮށްފައެވެ. ހަމައެހެންމެ މުޅި އިޤްތިޞާދު 40 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެއިތުރުން ދައުލަތުގެ އާމްދަނީއަށް 11.6 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ ދިރާސާގައި އަންދާޒާކޮށްފައިވެއެވެ.

ޕްރެޒެންޓޭޝަންގައި އެ ކުންފުނީގެ ޑިރެކްޓަރު މީހައު ރަޖޫކް ވިދާޅުވީ ރަސްމާލެއާއެކު، އެ ސަރަހައްދުގެ ރީޓެއިލް ވިޔަފާރިތަކާއި މެރީނާ އާއި ލެޝާ ހަރަކާތްތަކާ ގުޅޭ އިތުރު ހިދުމަތްތައް ވެސް އުފެދޭނެ ކަމަށެވެ. 

އީވެލިއުސާވްގެ އެސެސްމެންޓް ދައްކާ ގޮތުން ރަސްމާލެ ޕްރޮޖެކްޓްގެ އިންވެސްޓްކުރާ އެއް ޑޮލަރަށް 1.6 ޑޮލަރު ރާއްޖޭގެ އުފެއްދުންތެރިކަމަށް ކޮންޓްރިބިއުޓް ކުރާނެ އެވެ. ރަސްމާލެއިން ރާއްޖޭގެ އުފެއްދުންތެރިކަމަށް 30-35 ބިލިއަން ޑޮލަރުގެ ވަންނާނެ ކަމަށް ލަފާކުރާއިރު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ގޮތުގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ވެސް ލަފާކުރެ އެވެ.

އެސެސްމެންޓް ދައްކާ ގޮތުން ރަސްމާލެ ޕްރޮޖެކްޓުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރި އަރާނީ މައިގަނޑު ތިން ދައިރާއަކުންނެވެ.

ފުރަތަމަ ދާއިރާއަކީ ލޯކަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ އިތުރު ވިޔަފާރީގެ ފުރުސަތުތަކެވެ. އީވެލިއުސާވް އިން ބުނީ ގާތްގަނޑަކަށް  300 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެ، އިތުރު ނަފާ ހޯދަން ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓާލިޓީ އާއި ރީޓެއިލް، މެރީނާ، އަދި ވޯޓަފްރޮންޓް ހިދުމަތްތަކާ ގުޅޭ ވިޔަފާރިތައް ހިމެނެ އެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ގާތްގަނޑަކަށް 90 ޕަސެންޓް ވިޔަފާރިތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެހެންވެ، އެފަދަ ވިޔަފާރިތަކަށް ރަސްމާލެއިން ފުރުސަތުތައް ލިބިއްޖެ ނަަމަ އެއީ އިގްތިސާދަށް ސީދާ ކުރިއެރުން ލިބޭނެ ކަމެއް ކަމަށް އީވެލިއުސާވް އިން ގަބޫލުކުރެ އެވެ.

ދެވަނައަށް އެންމެ ބޮޑު ފައިދާއެއް ފެންނާނީ، އެ ތަނުގައި ތަރައްގީކުރާ ޓޫރިސްޓް ފެސިލިޓީތަކުންނެވެ. އެ ކުންފުނީގެ ދިރާސާއިން ދައްކާ ގޮތުން، ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 900،000 ޓޫރިސްޓުން އެ ސަރަހައްދަށް އަންނާނެ އެވެ. އެއީ ވެސް އިގްތިސާދު ސީދާ ކުރިއަރާނެ ކަމެކެވެ.

އީވެލިއުސާވްގެ އެސެސްމެންޓްގައި އިްްތިޞާދު ކުރިއަރާ، އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވުމާ ސީދާ ގުޅޭ ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން އުފެދޭ ވަޒީފާތަކުގެ ފުރުސަތެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން ގާތްގަނޑަކަށް 60،000  ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެއެވެ.

އީވެލިއުސާވް އިން ވަނީ ބޭރުގެ އެހެން ބައެއް ގައުމުތަކުގައި ހިންގާ މިފަދަ ބައެއް ޕްރޮޖެކްޓްތަކުން ފިލާވަޅު ހޯދައި، ދެމެހެއްޓެނިވި ނުވަތަ ސަސްޓެއިނަބަލް ލޯންގް ޓާމް ވެލިއު ހިފެހެއްޓުމުގައި ރާއްޖެއިން ވިސްނަންޖެހޭނެ ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އެފަދަ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިސްރުގެ ރެޑް ސީ ޕްރޮޖެކްޓާއި އިންޑޮނޭޝިއާގެ ކޫރާ ކޫރާ އާއި ލަންކާގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ހިމެނެއެވެ.

ދިވެހި ވިޔަފާރިތަކަށް ރަސްމާލެއިން ވިޔަފާރީގެ ފުރުސަތުތައް ނުލިބި، ބޭރުގެ ވިޔަފާރިތަކަށް އެ ފުރުސަތުތައް ލިބިއްޖެ ނަމަ އިޤްތިޞާދަށް އެކަމުގެ އެންމެ ފުރިހަމަ ފައިދާ ނުފެންނާނެ ކަމަށް އީވެލިއުސާވް އިން ވެސް ބުންޏެވެ. އެހެންވެ، ރަސްމާލެ ފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ވާނީ، ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް އިތުރަށް ލިބި، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ގޮތްތައް ބަލައިގެންނެވެ.

ދިރާސާގައި އީވެލިއުސާވްއިން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ ކާމިޔާބީ މިނަންވާނީ ހަމައެކަނި ކުރާ އިންވެސްޓްމަންޓްގެ ބޮޑުމިނުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ދިވެހިންނަށް ދާއިމީ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ހޯދައިދެވޭ މިންވަރުގެ މައްޗަށް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް