ފެންބޮޑުވެފައިވާ ބައެއް ރަށްތަކުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި

ފެންބޮޑުވެފައިވާ ބައެއް ރަށްތަކުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭވެހި، ހދ.ކުޅުދުއްފުށި ސިޓީއާއި ޅ.ނައިފަރު އަދި ހއ.ތަކަންދޫގައި ފެންބޮޑުވެފައިވާތީ، ވެލިބަސްތާ ޖެހުމާއި، ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން ހދ.ކުޅުދުއްފުށީ ސީޓީގައި ކައުންސިލާއި، ފުލުހުންނާއި، މޯލްޑިވްސް ރެޑްކްރޮސެންޓާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ 3 ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ވިއްސާރާގައި ޅ.ނައިފަރުގައި ފެންބޮޑުވެގެން ޕަންޕު ބޭނުންކޮށް އެ ރަށުގެ 4 ސަރަހައްދެއްގައި ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ، އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެންބޮޑުވެފައިވާ ސަރަހައްދުން މޫދަށް ކޯރެއް ކަނޑައި، އިތުރަށް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި އޮކްސިލަރީ ފަޔަރ މަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްތަކަކަށް ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ. މި ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކާއި މިހާރުގެ ހާލަތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ދާދިދެންމެއަކު ވަނީ ހިއްސާކޮށްފައެވެ.
އެ މަޢުލޫމާތުތަކަށް ބަލާއިރު، ހދ. އަތޮޅު ކުޅުދުއްފުށި ސިޓީގައި 7 ޕަންޕުން ފެން ހިންދަމުންދާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހދ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު 1 ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއިއެކު ދަނީ ކުރަމުންނެވެ. ހދ. ނޮޅިވަރަންފަރުގެ ޙާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، 2 ޕަންޕުން އެހީގައި ފެން ހިންދުމުގެ މަސައްކަތް އެރަށުގައި ވެސް ދަނީ ކުރަމުންނެވެ.
ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ޙާލަތަކަށް ގޮސްފައެއް ނުވެއެވެ. ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ޙާލަތު ރަނގަޅު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ހދ. ވައިކަރަދޫގައި ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވީ ނަމަވެސް ގެއަކަށް ގެއްލުމެއް ނުވެއެވެ. ހދ. ނައިވާދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕު އެހީގައި ފެން ވަނީ ހިންދާފައެވެ. ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަދި ހަނިމާދޫއާއި މަކުނުދޫގެ ޙާލަތު އާންމު ގޮތެއްގައި ރަނގަޅު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ބަލާއިރު ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފައެވެ. ކެލާ އަދި މާރަންދޫގެ 1 ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއްނުވެއެވެ.
މީގެއިތުރުން ހއ. ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާއިރު، ދިއްދޫގެ 1 ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވެއެވެ.
ހއ. ތަކަންދޫގައި ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ހއ. އަތޮޅުގެ ރަށްތަކުގެތެރެއިން ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. މިރަށްތަކުގެ ޙާލަތު އާންމު ޙާލަތުގައި އޮތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ހއ. އަދި ހދ. އަތޮޅުގެ އިތުރުން ޅ. ނައިފަރުގައި 16 ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ބަދަލުކޮށްފައިވެއެވެ. ޙާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއާއި ކައުންސިލް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިވަގުތު ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިރޭގެ ދަންވަރު 1:00 އާއި ހަމައަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއާއި އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)