ކަނޑުގެ ސަރަޙައްދު ޕެޓްރޯލްކުރުމަށް އިތުރު 17 އުޅަނދެއް ގެންނަނީ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކޮށް، ޕެޓްރޯލްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިތުރު 17 އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިފާޢީ އަދި ވަތަނިއްޔަ ޚިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ސިފައިން އަބަދުވެސް ތިބެނީ ޤައުމީ ދިފާޢުގައި ތައްޔާރީ ހާލަތުގައި ކަމަށެވެ. ނަމަވެސް ސިފައިން ކިތަންމެ މަތީ ފެންވަރަކަށް ތަމްރީނުވެފައި ތިބި ކަމުގައިވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ ޒަމާނީ ވަސީލަތްތައް ހަމަޖެހިގެން ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދެއްވަމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ކޯސްޓްގާޑުގެ ޚިދުމަތް ފުޅާކުރުމަށް ތުރުކީއާއި އޮސްޓްރޭލިއާ ސަރުކާރުން ދެ މަނަވަރު ހަދިޔާކޮށްފައިވާކަމާއި، ރާއްޖޭގެ ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް ސަރުކާރުން ވަނީ އަސްކަރީ ޑްރޯން ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިހާތަނަށް ތިން ޕެޓްރޯލް ކުރާ އުޅަނދެއް އެމްއެންޑީއެފްއަށް ހޯދައިދެވިފައިވާ ކަމަށާއި، އިތުރަށް ގެންނަ 17 އުޅަނދުގެ ތެރެއިން ބައެއް އުޅަނދުތައް ކުރިއަށްއޮތް ނޮވެމްބަރު މަހުގެ ތެރޭގައި ލިބެންގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޯސްޓްގާޑުން ބަލަހައްޓަމުންދާ ސީ އެމްބިއުލޭންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިތުރު 12 ސީ އެމްބިއުލޭންސް ބަނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށްވިދާޅުވަމުން، ވަޒީރު ވަނީ ކަނޑާއި ވައިގެ މަގުން އަތުވެދާނެ ކޮންމެ ނުރައްކަލަކުން ޤައުމު ދިފާޢުކުރުމަށް ސިފައިން އަބަދުވެސް ތިބޭނީ ސާބިތުކަމާއެކު ތައްޔާރަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)