logologologologo
STO
ޚަބަރު

އިސްލާމް ދީނަކީ އަހަރެމެންގެ ޢިއްޒަތުގެ ސިއްރު ކަމަށް ޚުޠުބާގައި ވިދާޅުވެއްޖެ

އިސްލާމް ދީނަކީ  އަހަރެމެންގެ ޢިއްޒަތުގެ ސިއްރު ކަމަށް ޚުޠުބާގައި ވިދާޅުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 23

އިސްލާމް ދީނަކީ އަހަރެމެންގެ ޢިއްޒަތުގެ ސިއްރު ކަމަށް ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ މާތް الله އަހަރެމެންނަށް މަތިވެރިކަމާއި ޝަރަފު ދެއްވައި، ޢިއްޒަތްތެރިކުރެއްވީ މި މަތިވެރި ދީނުގެ ސަބަބުން ކަމަށެވެ.

"މި ދީނަކީ އަހަރެމެންގެ ޢިއްޒަތުގެ ސިއްރެވެ. އަދި އެހެން ހުރިހައި އުންމަތްތަކުގެ މައްޗަށް އަހަރެމެންނަށް ލިބިފައިވާ މަތިވެރިކަމާއި ސިޔާދަތުގެ އަސްލަކީ އިސްލާމްދީނެވެ. އިސްލާމީ ތާރީޚަކީ މި ކަމުގެ އަލިގަދަ ހެތްކެކެވެ. މުސްލިމުން އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި، މާތް الله އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ނަމަވެސް، އެ ކަމުގައި އިހުމާލުވެ ދީނާ ދުރުހެލިވާ ވަގުތުތަކުގައި އެބައިމީހުން ނިކަމެތިވާ ކަމަށާއި މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި، އެބައިމީހުންގެ ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ ބާރުފޯރުވާ ކަމަށާއި ދުޝްމަނުންގެ މައްޗަށް ގަދަވެގަނެ އާރާއި ބާރު ލިބޭނީ  މާތް ﷲގެ ފޮތަށާއި ރަސޫލާ ޞ.ޢ.ވ.ގެ ސުންނަތަށް މުސްލިމުން އަލުން އެނބުރި ރުޖޫޢަވެގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޢަމީރުލް މުއުމިނީން ޢުމަރުބުނު ޚައްޠާބު ވިދާޅުވެފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. "އަހަރެމެންނަކީ މާތް الله އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވި ބަޔަކީމުއެވެ. އެހެންކަމުން، އިސްލާމްދީނުގެ ޢިއްޒަތް ނޫން އެހެން ޢިއްޒަތެއް ހޯދާން މަސައްކަތްކޮށްފި ނަމަ، މާތް الله އަހަރެމެން ނިކަމެތިކުރައްވާނެއެވެ." މިފަދައިންނެވެ.

މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން، މި މަތިވެރި ދީނުގެ ނޫރުން ހިތްތަކަށް އުފާވެރިކަންހޯދުމަށް ގޮވާލައްވަމުން ޚުޠުބާގައި ވަނީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތަށް ޓަކައި މާތްﷲއަށް ޙަމްދުކުރުމަށާއި ބަހާއި ޢަމަލުން އިސްލާމްދީނުގެ ރީތި ސިފަތައް ދައްކުވައިދީ ދީނުގެ މަތިވެރި އުޞޫލުތަކުގައި ދެމިތިބުމަށާއި ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް ގޮވާލައްވައިފައެވެ.


 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް