ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން: ޚުޠުބާ

ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ގިނަގިނައިން ﷲ ހަނދުމަކުރުމުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ ހުރިހާ ތަކުލީފުތަކަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ މާތް ﷲ ހަނދުމަކުރުމަކީ ހިތްތަކުގެ ދިރުން ކަމަށާއި އެއީ އެކަލާނގެ މަތިވެރި ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ކުރު މަގު ކަމަށެވެ. އަދި ޛިކުރުކުރުމުގެ ސަބަބުން އިންސާނާގެ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ލިބި ދިރިއުޅުމުގެ ހާސްކަމާއި ބުރަކަން ފިލުވައިދާ ކަމަށާއި މާތް ﷲގެ މަތިވެރިކަމާއި، ހައިބަވަންތަކަމާއި، ކާއިނާތުގައިވާ އެންމެހައި ނިޢުމަތްތަކަކީ އެކަލާނގެ ދެއްވި ތަކެތިކަން ގަބޫލުކޮށް، އެކަލާނގެ މަދަދާއި ނަޞްރު އަބަދުވެސް އަހަރެމެންނާ އެކުގައި ވާކަން އިހުސާސްކޮށްދޭ ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވާ ކަމަށާއި ފުރަތަމައީ، ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުން ކަމަށާއި މިއީ މާތް ﷲގެ ކުޅަދުންވަންތަކަމާއި، މި ކައުނުގައިވާ އެކަލާނގެ މަތިވެރި އުފެއްދުންތަކާ މެދު ފުންކޮށް ފިކުރުހިންގައި، ތަޞައްވުރުކުރުން ކަމަށެވެ. އަދި ތިމާ ކުރާ ކޮންމެ ކަމެއް މާތް ﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، އެކަލާނގެއަށް ބިރުވެތިވުމާއި، ލޯބިވުމާއި، ވަކީލުކުރުމުގެ ސިފަ ހިތުގައި ވަރުގަދަކުރުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ދެވަނައީ، ދުލުން ޛިކުރުކުރުން ކަމަށާއި އޭގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙަކިޔުމާއި، ފާފަފުއްސެވުމަށް އެދި ދުޢާކުރުމުގެ އިތުރަށް، ކީރިތި ރަސޫލާ zގެ މައްޗަށް ޞަލަވާތްކިޔެވުން ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ތިންވަނައީ، ޢަމަލީ ގޮތުން ނުވަތަ ގުނަވަންތަކުގެ ޒަރީޢާއިން މާތް ﷲ ހަނދުމަކުރުމެވެ. ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަކީ މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމަ އެއާ އެކު، މައިންބަފައިންނަށް އޯގާތެރިވުމާއި، މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުވުމަކީ ވެސް ޢަމަލުން މާތް ﷲ ހަނދުމަކުރުމުގެ މަތިވެރި ނަމޫނާތަކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރާ ކަމެއް ނޫން ކަމަށާއި ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައި ވެސް ޛިކުރު ކުރެވިދާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ހިނގާފައި ދާއިރު، ސަވާރީއެއްގައި ދަތުރުކުރާއިރު، އޮށޯވެ އޮންނަ އިރު، މަސައްކަތުގެ މައިދާނުގައި އުޅޭއިރުވެސް ޛިކުރު ކުރެވޭނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މާތް ﷲގެ މަތީން ހަނދުމަކުރުމަކީ ޝައިޠާނާގެ ވަސްވާސްތަކާ ދުރުކޮށްދީ، ރަޙުމާނުވަންތަ ރަސްކަލާނގެ ރުހިވޮޑިގަތުން ހޯދައިދޭ، މަތިވެރި އަޅުކަމެއް ކަމަށާއި އެއީ ހިތްތަކުން ހާސްކަމާއި މޮޅިވެރިކަން ފިލުވައިދީ، އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ބާއްޖަވެރިކަމަށް އެދޭ މީހާގެ ދޫ އަބަދު ވެސް އޮންނާންޖެހޭނީ ﷲއަށް ޛިކުރުކުރުން މަތީގައި ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)