ބޯކޮށް ވާރޭ ވެހި އުތުރުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ބޯކޮށް ވާރޭ ވެހި އުތުރުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ 2 ރަށެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން އައި ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއްވާ ކަމަށެވެ.
އެ ރަށުގެ %95 ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ޢާއިލާތައް ވަނީ މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައި ކަމަށާއި މި ޙާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައި ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ޙާލަތެއް އަދި މެދުވެރިއެއްނުވާ ކަމަށާއި ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލުން މަޢުލޫމާތު ދޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ، މި ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއާއި އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިތުރަށް

.jpg&w=3840&q=100)



.gif.gif&w=828&q=100)