ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވެ 21 ގެއަކަށް ފެންވަދެއްޖެ

ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވެ 21 ގެއަކަށް ފެންވަދެއްޖެއެވެ.
މިރޭ ގިނައިރުތަކެއް ވަންދެން މާލެއަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އޭގެ ސަބަބުން މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ.
މިކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި މާލޭގެ 10 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ މި މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އެ އިދާރާއިން ބުނީ ފެނުގެ އަސަރުކޮށްގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ މިރޭގެ 22:00 އާ ހަމައަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 21 ގެއަކުން ރިޕޯޓްކޮށްފައިވެއެވެ.
އެ އިދާރާއިން ބުނީ 1 ގެއަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާއިރު، 16 ފިހާރައަކަށާއި، 2 ރެސްޓޯރެންޓުގެ އިތުރުން 2 ކްލިނިކަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާއިރު، ސަރުކާރުގެ 4 ޢިމާރާތަކަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ ވަނީ ބުނެފައެވެ.
އިތުރަށް


.jpg&w=3840&q=100)


.gif.gif&w=828&q=100)