ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ދަރިވަރުން ކިހާދުއަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ 84 ދަރިވަރުން ބ. ކިހާދުއަށް ފުރައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި މިއަދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން ފުރާފައިވާ ކަމަށެވެ.
މި ދަރިވަރުން ތަމްރީނު ފުރިހަމަ ކުރާނީ ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.
މި ބެޗްގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނޭ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަރަށް ގާތުން ބައްލަވާ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އެމަނިކުފާނު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސް ޑރ. މުޢިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ޤައުމިއްޔަތަށް ލޯބިކުރާ، އަދި ނަފްސާނީ ގޮތުންނާއި ރޫޙާނީ ގޮތުން ދުޅަހެޔޮ، މަސައްކަތުގެ މާހައުލަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް، މި ސަރުކާރުން ފަށާފައިވާ ޤައުމީ ބޮޑު މަޝްރޫއެކެވެ.
ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ޒަރީޢާއިން، މަސައްކަތުގެ ބާޒާރަށް ބޭނުންވާނެ ފަދަ ހުނަރުވެރި، އަޚްލާޤު ރަނގަޅު އަދި ޤައުމީ ރޫޙު ހުރި ހަރުދަނާ ޒުވާން ޖީލެއް ދިވެހި މުޖުތަމަޢަށް ނެރެދިނުމެވެ.
އިތުރަށް





.gif.gif&w=828&q=100)