ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗްގެ ދަރިވަރުންނަށް ރައީސް ހިތްވަރުދެއްވައިފި

ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗްގެ ދަރިވަރުންނަށް ރައީސް ހިތްވަރުދެއްވައިފިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ
4 ވަނަ ބެޗުގެ ތަމްރީނުތައް މިއަދު އިފްތިތާޙް ކުރުމާއި ގުޅިގެން އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ މި ބެޗްގެ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވައިފައެވެ.
ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗްގައި 352 ޒުވާނުން ބައިވެރިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން ހިމެނެއެވެ.
"ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް." އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ޕްރޮގްރާމެކެވެ. އެމަނިކުފާނު ގެންދަވަނީ މި ޕްރޮގްރާމުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި މި ޕްރޮގްރާމަކީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރިއަށް ގެންދާ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)