އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ މުއައްސަސާއަކަށް ވާންޖެހޭ: ރައީސް

އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހުރިހާ ޤައުމެއްގެ އަޑުއަހާ، އަދި އެއްވެސް ޤައުމެއްގެ މުސްތަޤްބަލު، އެހެން ޤައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ، ޖަމާޢަތެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ އދ.ގެ ނުވަތަ ދުނިޔޭގެ ޖަމްޢިއްޔާގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވި ގޮތުގައި އދ.އަކީ، އިތުބާރުކުރެވޭ، ޒިންމާދާރު އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާއަކަށް ވާންޖެހޭނެއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އދ.ގެ އިތުބާރު ބިނާވެފައިވަނީ، އެއްޤައުމު އަނެއްޤައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވީހިނދު، އެކަން ޙާޞިލުކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމަޔަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ މުޢާހަދާތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރަޙައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޛުކުރުމުގައި ހަމަހަމަކަން ނެތުމާއި، އަދި ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް، ޤައުމުތައް ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތަކަކީ، އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއް ކަމަށެވެ.
މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްޞަކޮށް ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވާ ލައްވާފައިވެއެވެ.
މީގެ އިތުރުން، ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައިހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫންގޮތުގައި ނެގޭދަރަނި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ޤައުމީ އަމާޒުތަކާއި އުންމީދުތައް ޙާޞިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް، ރާއްޖެއިން ކުރާ އުންމީދު ޙާޞިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެ އަމާޒަށް ވާސިލު ވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމަށް، އަދި ރާއްޖެއިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް، ވިލުންތެރިކަމާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން، ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަޤްބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
އދ. ނުވަތަ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ، ޔޫއެން އަކީ ދުނިޔޭގެ ޞުލްޙަމަސަލަސްކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، ޤައުމުތަކުގެ މެދުގައި އެކުވެރި ގުޅުންތައް އާލާކުރުމަށްޓަކައި އުފައްދާފައިވާ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. 24 އޮކްޓޫބަރު 1945 ގައި އުފެދުނު މި ޖަމްޢިއްޔާގައި ޖުމްލަ 193 ޤައުމު ބައިވެރިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)