logologologologo
STO
ޚަބަރު

ސަޢުދީއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢުދީއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 11

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، 10 އޮކްޓޫބަރު 2026 ގައި ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަޢުދީގެ މައި އެއާޕޯޓަށް އަމާޒުކޮށް ދެވުނު މި ހަމަލާގެ ސަބަބުން އާންމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ސަތޭކައަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހަމަލާއާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އާންމު ރައްޔިތުންނަށާއި ޤައުމީ މުހިންމު ވަސީލަތްތަކަށް ގަސްދުގައި ހަމަލާދިނުމަކީ ބައިނަލްޤުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު ޖަރީމާއެއް ކަމަށެވެ.

މިފަދަ ނުރައްކާތެރި ޢަމަލުތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ދިވެހި ސަރުކާރުގެ ބަަޔާނުގައި ބުނެފައިވެއެވެ.

ސަޢުދީއާއެކު ދިވެހިރާއްޖެ އޮތްކަން ހާމަކުރަމުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސަޢުދީ ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންގެ އިތުރުން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ވަނީ ސަޢުދީ ޢަރަބިއްޔާއާއެކު ފުރިހަމައަށް ސާބިތުވެ އޮތްކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ޤައުމުގެ ސަލާމަތާއި، ސިޔާދަތާއި، ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ ބޭރު މީހުންގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަޢުދީން އަޅާ ހުރިހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ވެސް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާގައި 12 މީހުން ނިޔާވެފައިވާއިރު 309 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއާޕޯޓްގެ މުވައްޒަފުންނާއި ދަތުރުވެރިން ހިމެނޭހެން އެކި ޤައުމުތަކުގެ މީހުން ހިމެނެއެވެ. އަދި ބައެއް މީހުނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް