ތައިލޭންޑަށް ދާ ދިވެހީން ވިސާއާއި ނުލައި އެ ޤައުމުގައި ތިބެވޭ މުއްދަތު އިތުރުކޮށްފި

ތައިލޭންޑަށް ދާ ދިވެހީން ވިސާއާއި ނުލައި އެ ޤައުމުގައި ތިބެވޭ މުއްދަތު އިތުރުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތައިލޭންޑް ގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެބަދަލުތަކަށް ޢަމަލުކުރަން ފެށިގެންދާނެ ކަމަށެވެ.
ޚާރިޖިއްޔާއިން ބުނީ ތައިލޭންޑް ގެ ވިސާ އަށް މިގެނައި ބަދަލާގުޅިގެން 15 ސެޕްޓެމްބަރ 2026 އިން ފެށިގެން އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހިފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައި ކަމަށާއި ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ދޭޤައުމުތަކުގެ ލިސްޓުގައި ކަމަށެވެ.
"29 ޖޫން 2026 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
ޚާރިޖިއްޔާއިން ބުނީ ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި،ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
ދިވެހިންނަށް މިހާރު އޮން އެރައިވަލް ނުވަތަ ދުރާލާ ވިސާ ހޯދަން ނުޖެހި 90 އަށްވުރެ ގިނަ ޤައުމަށް ދަތުރު ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)