ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން 2 ދިވެއްސަކު ހައްޔަރުކޮށްފި

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމެވެ.
ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން އަތުލައިގަނެފައިވަނީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކުން ދިން މައުލޫމާތަކާ ގުޅިގެންނެވެ. އެ އޮފީހަށް ފޮނުވާފައި ހުރި ޕާރުސަލްތަކަކުން ނުބައި ވަހެއް ދުވާތީ ކާގޯ ކުންފުނިން އެ ތަކެއްޗާ ހަވާލުނުވުމުން، އެ ދެ މީހުން ވަނީ އެ ޕާރުސަލްތައް ގެންގޮސް ސޫކުމްވިޓް ސަރަހައްދުގައި އެ މީހުން ތިބި ކޮޓަރީގައި ބަހައްޓާފައެވެ. ފުލުހުން އެ ކޮޓަރި ފާސްކުރިއިރު، 2.37 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި ގާތްގަނޑަކަށް 10 ކިލޯގެ ކެނަބިސް ވަނީ ފެނިފައެވެ.
މި މަސްތުވާތަކެތި ފޮރުވާފައި ހުރީ ތަރުމޯހާއި ކުޑަކުދިންގެ އަންނައުނުތަކުގެ ތެރޭގައެވެ. ތައިލެންޑް ފުލުހުން ބުނެފައިވަނީ، މި ދެ މީހުންނަކީ ބައިނަލްއަގުވާމީ ވިއުގައަކާ ގުޅިގެން މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއް ހިންގަމުންދިޔަ ބައެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް، ތަހުގީގުގައި އެ ދެ މީހުން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އެ މީހުން ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ޕާރުސަލްތަކުގައި ހުރީ މަސްތުވާތަކެތިކަން އެ މީހުންނަށް ނޭނގޭ ކަމަށާއި، އެއީ ރައްޓެއްސަކު ބުނެގެން ކާގޯ ކުރަން ފޮނުވި ސާމާނުތަކެއް ކަމަށެވެ. އަދި ކާގޯ އޮފީހުން ހަވާލުނުވުމުން އެ ތަކެތި ކޮޓަރިއަށް ގެންދިޔައީ ކަމަށްވެސް އެ މީހުން ބުނެފައިވެއެވެ. މި މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވޭތޯ ބެލުމަށް ތައި ފުލުހުން ދަނީ ފުޅާދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.
އިތުރަށް




.gif.gif&w=828&q=100)