ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ފޯރަމެއް ރާއްޖޭގައި ބާއްވަނީ

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް މިހިނގާ އޮގަސްޓް މަހުގެ 23 އިން 25އަށް ދިވެހިރާއްޖޭގައި ބާއްވާނެ ކަމަށެވެ.
ބާސެލޯ ނަސަންދުރަގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފޯރަމް އިންތިޒާމުކުރަނީ ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާ އާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި އ.ދ.ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓަރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯ.އެޗް.އާރު.އެލް.އެލް.އެސް) ގުޅިގެން ކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ޚާރިޖީ ވުޒާރާއިން ބުނީ މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް، އަދި ވަކީން ޚާޢްސަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް، އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ތެރެއިން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ޕްލޭނަރީ ސެޝަންތައް ޗެއާރ ކުރައްވާފައެވެ.އެ ކޮންފަރެންސްގައި ރާއްޖެއިން ތަފާތު ޕެނަލްތަކުގައި ބައިވެރިވުމުގެ އިތުރުން، ހައި-ލެވަލް ސައިޑް އިވެންޓުތަކެއް ވަނީ ބާއްވާފައެވެ. އަދި އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާއެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވިއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014ވަނަ އަހަރު ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިން ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ.
މިފޯރަމްގެ މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ދައުލަތްތަކުގެ އިތުރުން، އެޤައުމުތަކުގެ ވިޔަފާރިތަކާއި އެކި އެކި އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.
އެގޮތުން، ފާއިތުވި ބައްދަލުވުންތަކެކޭ އެއްފަދައިން މިއަހަރުގެ ފޯރަމުގައި ވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި ވިޔަފާރިކުރުމަށާއި އިންވެސްޓްކުރުމަށާއި އިޤްތިޞާދީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ދިމާވާ ދަތިތަކާއި ހުރި ފުރުޞަތުތަކާ މެދު މަޝްވަރާކޮށް އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ޙައްލުތައް ދަސްކުރުމަށާއި ތަޖުރިބާ ޙިއްސާކުރުމަށާއި އެކި ސަރަޙައްދުތަކުގެ ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމަށް ތަފާތު ޙަރަކާތްތަކާއި މަސައްކަތްތައް ކުރުމަށް ރޭވިފައިވާ ކަމަށް ޚާރިޖިއްޔާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ ތަރައްޤީގެ މަގުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި އެ ކުރިއެރުންތައް ޙާސިލު ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި ދަސްވި ފިލާވަޅުތަކާއި ރާއްޖޭގެ ވިޔަފާރިތަކުން ކުރަމުންދާ އީޖާދީ މަސައްކަތްތައް މި ފޯރަމްގެ ބައިވެރިންނާ ހިއްސާކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށާއި އެގޮތުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތައާއި، ކޮންޒަވޭޝަނުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދައްކާލުމަށްޓަކައި، ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.
އައިލެންޑް އިންވެސްޓްމަންޓް ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ފާސްކުރި "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)ގެ ދަށުން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމެކެވެ.
މިފޯރަމްގެ މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ދަތިތައް ދެނެގަނެ، އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމާއެކު އެޤައުމުތަކުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމެވެ.
މިއަހަރުގެ ފޯރަމަކީ އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ރަސްމީކޮށް އިފްތިތާޙުކުރެވޭ ފޯރަމް ކަމުން، މިފޯރަމްގެ އަމާޒަކީ އިންވެސްޓްމަންޓަށް ހުރި ފުރުޞަތުތަކާއި ކުރިމަތިވާ ދަތިތައް ދެނެގަނެ ތަޖުރިބާ ޙިއްސާކޮށް ޙައްލުތައް ހޯދުމަށް މަސައްކަތްކުރުމެވެ.
މި ފޯރަމްގައި 30އަށް ވުރެ ގިނަ ޤައުމުން 200އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރަށް





.gif.gif&w=828&q=100)